ރޭ ހިނގި މާރާމާރީގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ރަނގަޅު ކަމަށް އައިޖީމްއެޗުން ބުނެފި އެވެ.

ރޭ މާރާމާރީގައި ދެ މީހަކު ޒަހަމްވި އިރު އެކަކު ވަނީ މަރުވެފަ އެވެ. މަރުވެފައި ވަނީ ވ. ކެޔޮދޫ، ދޭލިޔާގެ މޫސާ އަހުމަދު މަނިކު، 19، އެވެ. އޭނާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު އާ ސަހަރާގައި ވަނީ ބާއްވައިފަ އެވެ.

އައިޖީއެމްޗްގައި މިހާރު ފަރުވާދެމުންދާ މީހާގެ މައުލޫމާތެއް ސާފެއް ނުވެ އެވެ. އައިޖީއެމްއެޗުން ބުނީ އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި އޮޕްރޭޝަނެއް ކޮށްފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އޮޕަރޭޝަނުގެ ތަފްސީލެއް ނުލިބެ އެވެ.

އެމީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ ވޯޑެއްގަ އެވެ.

ރޭ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރޭގެ މާރާމާރީ ހިންގި ސަރަހައްދުގައި، އެކަމުގައި ބައިވެރިވި މީހުން ދުއްވަން ގެންގުޅުނު ދެ ސައިކަލަކާއި، ހަމަލާދިނުމަށް ބޭނުންކުރި ވަޅިއެއް މަގުމަށްޗަށް ވެއްޓިފައި އޮއްވައި ފެނިފައިވެ އެވެ.

ވަޅިން ހަމަލާދީ ރޭ ޒުވާނަކު މަރާލާފައިވާ އިރު، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް މާލޭގައި ވަނީ މިފަދަ މާރާމާރީތަކެއްގައި ދެ ޒުވާނަކު މަރާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 24 އަހަރުގެ ނަދީމް އަބްދުއްރަހީމް އާއި ރ. މީދޫ ފެންފިޔާޒުގޭ އުމުރުން 25 އަހަރުގެ އަހްމަދު އަނަސް އެވެ.