ރާއްޖޭގައި އަންނަ ޑިސެމްބަރު މަހު ބާއްވާ ސާކް ސަމިޓްގެ ކަންތައްތަކަށް ހަރަދުކުރުމަށް އިންޑިޔާ ސަރުކާރުން ރާއްޖެއަށް ފަސް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފަސް މިލިޔަން ޑޮލަރުގެ ޗެކް ރާއްޖޭގެ ފޮރިން މިނިސްޓަރް އަހުމަދު ނަސީމާ ހަވާލުކޮށްދެއްވީ އިންޑިޔާގެ އެކްސްޓާނަލް މިނިސްޓަރް އެސްއެމް ކްރިޝްނާއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިޔާގެ ޗާންސަރީއާއި އިންޑިޔާގެ އެމްބަސީ ހިންގާނެ ބިމެއް ދިން ކަމުގެ ލިއުމެއް ހަވާލުކުރުން ވެސް އޮތެވެ. އިންޑިޔާގެ ހައި ކޮމިޝަނަރު ޑީއެމް މުލޭއާ ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަހުމަދު ނަސީމެވެ. އިންޑިޔާގެ އެމްބަސީ ހިންގާނެ ބިމެއް މީގެ އަހަރު ތަކެއް ކުރިން ވަނީ ދޫކޮށްފައެވެ. ނަމަވެސް މިއަދު މިހަވާލުކުރީ އެބިން އިންޑިޔާ ސަރުކާރާ ހަވާލުކުރި ކަމުގެ ރަސްމީ ލިއުމެކެވެ.

އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެމްޕަޔާ އިންފްރާ ސްޓްރަކްޗާސް ލިމިޓެޑާ ދިވެހި ސަރުކާރާ ދެމެދު އިއްޔެ ސޮއިކުރި މަލްޓި ޑިސިޕްލިނަރީ ޔުނިވަސިޓީއަކާއި މެޑިކަލް ރިޒޯޓެއް ލ. އަތޮޅުގައި ތަރައްގީ ކުރުމުގެ އެއްބަސް ވުން ދެފަރާތުގެ މެދުގައި ބަދަލުކުރުން ވެސް މިއަދު ރައީސް އޮފީހުގައި އޮތެވެ. އެއެއްބަސްވުމާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެޑައިގަތީ ފިނޭންސް މިނިސްޓަރް އަހުމަދު އިނާޒް އެވެ. އަދި ޔުނިވާސަލް އެމްޕަޔަރް އިންފްރާ ސްޓްރަކްޗާސް ލިމިޓެޑްގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރް ބާލަ ޗަންދްރަން ނައިރުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ލ. އަތޮޅުގައި މަލްޓިޑިސިޕްލިނަރީ ޔުނިވަސިޓީއަކާއި މެޑިކަލް ރިސޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވި ، ޔުނިވާސަލް އެމްޕަޔަ އިންފްރާ ސްޓްރަކްޗާސް ލިމިޓެޑްގެ ޑިރެކްޓަރް މުނީޝް ގުޕްތާ ދެއްކެވި ވާހަކަ ފުޅުގައި އެޕްރޮޖެކްޓްގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރީ 16 މަސްދުވަހުގެ ވާހަކަ ތަކަކަށް ފަހުގައިކަމަށް ވިދާޅުވިއެވެ. އަދި އެކުންފުނިން މީގެ ކުރިން ވެސް އެފަދަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި ނަމަވެސް މި ޕްރޮޖެކްޓަކީ ލާމަސީލު ޕްރޮޖެކްޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެޕްރޮޖެކްޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގުޕްތާ ވިދާޅުވީ 200 މިލިޔަން ޑޮލަރުގެ މިޕްރޮޖެކްޓް ނިމުމުން ލ. އަތޮޅު ވެގެންދާނީ ފާހަގަ ކޮށްލެވޭ ފަދަ ހިދުމަތެއްދޭ، ސިއްހީ ހިދުމަތުގެ ހަބަކަށް ކަމަށެވެ. އަދި އެތަނުން 100 މީހުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށާއި 1000 މީހުންނަށް ތައުލީމާއި ތަމްރީން ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިޕްރޮޖެކްޓަކީ ރާއްޖޭގެ ނެޝަނަލް ޕްލޭނިންގ ކައުންސިލުން ފާސްކޮށްގެން ހިންގާ ޕްރޮޖެކްޓެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.