ބ. ތުޅާދޫގައި ގޯތި ދޫކުރުން ލަސްވާތީ އެ ރަށު ރައްޔިތުންގެ ބަޔަކު ކައުންސިލް އިދާރާ ކައިރިއަށް އެއްވެ އިހްތިޖާޖު ކުރަން ފަށައިފި އެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނު 10:30 އިން ފެށިގެން ރައްޔިތުންގެ ބަޔަކު އިހްތިޖާޖު ކުރަމުން ދަނީ 2010 ވަނަ އަހަރު އެރަށުން ހިއްކި 17 ހެކްޓަރުގެ ބިމުން ގޯތި ދޫކުރުންލަސްވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ގޯތި ދޫނުކުރެވިގެން އުޅެނީ ހައުސިން މިނިސްޓްރީން ލިބެން ޖެހޭ ހުއްދައެއް ނުލިބިގެން ކަމަށާއި ތަކުރާރުކޮށް ކުރި މަސައްކަތުން ވެސް އެ ހުއްދަ ލިބޭނެ ގޮތެއް ނުވި ކަމަށެވެ.

ހައުސިން މިނިސްޓްރީން ހުއްދަދީފައިނުވާތީ ގޯތި ދޫކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ރައީސް އޮފީހުގައި އެދުމުން އެ އޮފީހުން އެންގީ ހައުސިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެކަން ކުރިއަށްގެންދިޔުމަށް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"އެންމެ ފަހުން ގޮތެއް ނުވީމާ މާލެ ގޮސް ހައުސިން މިނިސްޓަރާ ބައްދަލުކުރުމަށް ކައުންސިލަރުން ކުރި މަސައްކަތް ވެސް ނާކާމިޔާބުވީ. މިނިސްޓަރާ ބައްދަލުކުރެވޭ ގޮތެއް ނުވި،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އިހްތިޖާޖު ކުރަމުންދާ މީހަކު ބުނީ ޒަވާޖީ ހަޔާތެއް ފަށައިގެން ގޯތި ބޭނުންވާ އެތައް ބަޔަކު އެ ރަށުގައި އެބަތިބި ކަމަށާއި ނަމަވެސް ގޯތި ލިބޭނެ ކަމުގެ އެއްވެސް އަލިމަގެއް ފެންނަން ނެތް ކަމަށެވެ.

"ގޯތި ލިބޭނެ ކަމުގެ އެއްވެސް އަލިމަގެއް ނެތް. އެހެންވެ އަޅުގަނޑުމެން މި އިހްތިޖާޖަށް ނުކުތީ. މިކަމުގައި އަލިމަގެއް ފެންނަންދެން އިހްތިޖާޖުތައް ކުރިއަށްގެންދަން އަޅުގަނޑުމެންގެ ވިސްނުން ހުރީ،" އިހްތިޖާޖުގައި ބައިވެރިވި މީހަކު ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ތުޅާދޫ ކައުންސިލްގެ ރައީސް ދައްކަވަނީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ގޯތި ދޫކުރުމާ ގުޅޭ ގޮތުން އެ ކައުންސިލާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ހަމަހަމަ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.