އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެންމެ ހަގު ދަރިފުޅު، ބެރޮން ޓްރަމްޕު އެމްއެލްއެސްގެ ފުޓުބޯޅަ ކުލަބެއް ކަމަށްވާ ޑީސީ ޔުނައިޓެޑްގެ 12 އަހަރުން ދަށުގެ ޓީމަށް ސޮއިކޮށްފި އެވެ.

ޓްރަމްޕް އަށާއި ފަސްޓް ލޭޑީ މެލީނާ ޓްރަމްޕް އަށް ލިބިވަޑައިގެންފައިވާ ހަމައެކަނި ދަރިފުޅު ބެރޮންގެ އުމުރަކީ 11 އަހަރެވެ. ބެރޮން ބޭނުން ވަނީ އެމެރިކާ ފުޓުބޯޅައިގެ މިހާރުގެ ސުޕަސްޓާ ކްރިސްޓިއަން ޕުލިސިޗް ފަދަ ކުޅުންތެރިޔަކަށް ވުމަށެވެ.

އެމްއެލްއެސް.ކޮމްގެ ލިޔުންތެރިޔެއް ކަމަށްވާ ޕައުލޯ މައުރާ ވަނީ ޓުވިޓާ މެދުވެރިކޮށް ބެރޮން، ޑީސީ އަށް ކުޅޭ ކަން ކަށަވަރު ކޮށްދީފަ އެވެ.

ޑީސީ އިން ބުނާ ގޮތުގައި ބެރޮން ވަނީ މި ސީޒަނުގައި އެ ޓީމަށް ހަތަރު މެޗު ކުޅެދީފަ އެވެ. އަދި އޭނާ ލަނީ 81 ނަމްބަރު ޖޯޒީ ކަމަށް ވެސް އެ ކުލަބުން ބުނެ އެވެ.

ބެރޮންގެ ބައްޕަ ޑޯނަލްޑް އަކީ ވެސް ފުޓުބޯޅަ ސަޕޯޓަރެކެވެ. އޭނާ ވަނީ 1992 ވަނަ އަހަރު އިނގިރޭސި ލީގު ކަޕް ޑްރޯގައި ބައިވެރިވެފަ އެވެ. އެފަހަރު އޭނާ ނެގީ ލީޑަސް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް އެވެ.