މަޖިލީހުގެ ރައީސް އިންނަވާ މޭޒުކޮޅު ސަރަހައްދުގައި 10 ފޫޓު އުސްމިނުގައި ސްޓޭޖެއް ހަދާ ކަމަށް ބުނެ އިދިކޮޅު މަޖިލިސް މެމްބަރުން ވާހަކަތަކެއް ދައްކަން ފަށައިފި އެވެ.

މަޖިލީހުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާކަން ސޯޝިއަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެނެ އެވެ. ފިލަ އާއި ވަޑާން ކުރަން ބޭނުންވާ ބައެއް ސާމާނު ވެސް މަޖިލީހުގެ ގޯތި ތެރޭގައި ހުއްޓައި ފޮޓޯތަކުން ފެނެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ޗަމްބަރު ތެރޭގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިންނަވަން 10 ފޫޓުގެ ސްޓޭޖެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެވާހަަތަކާ ގުޅިގެން މަޖިލީހުގެ ބަހެއް ހޯދުމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ސާފުވާގޮތް ނުވެފަ އެވެ.

މަޖިލީސް ކުރިއަށް ދިއުމުގެ ކުރިން ޖަލްސާތައް ބާއްވާ ކޮންމެ ދުވަހަކު މަޖިލީހުގައި އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އިދިކޮޅު މެމްބަރުން ބުނެފައި ވަނީ މަސީހަކީ މަޖިލީގެ ރައީސް ކަމަށް ބަލައި ނުގަންނަ ކަމަށެވެ.

ސަބަބެއް ކަމަށް ބުނެފައި ވަނީ 45 މެމްބަރަކު ސޮއިކޮށް މަޖިލީހަށް ހުށަހެޅި އިތުބާރުގެ މައްސަލާގައި މަސީހު މަގާމުން ބޭރު ކުރެވޭ ވަރަށް ސޮއި ލިބިފައިވުމެވެ.