ނިޔުޔޯކް (ސެޕްޓެމްބަރު 24) :އިންޑިއާ އުފައްދަނީ ޑޮކްޓަރުން ނާއި އިންޖިނޭރުންނާއި ނަރުހުން ކަމަށާއި ޕާކިސްތާނުން އުފައްދަނީ ޓެރަރިސްޓުން ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަމުން އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވަނީ ޓެރަރިސްޓުން އުފައްދާ ކަމުގެ ތުހުމަތު ޕާކިސްތާނުގެ މައްޗަށް ކުރައްވައިފަ އެވެ. ސުޝްމާ ވިދާޅުވީ އިންޑިއާ އުފައްދަނީ ޑޮކްޓަރުންނާއި ނަރުހުންނާއި އިންޖިނޭރުންނާއި ސައެންސްވެރިން ފަދަ އިލްމީ އަދި އަމަލީ މީހުން ކަމަށާއި އޭގެ ބަދަލުގައި ޕާކިސްތާނުން އުފައްދަނީ ތަންތަން ހަލާކުކޮށް ފަނާ ކުރަމުން ގެންދާ ޓެރަރިސްޓުން ކަމުގަ އެވެ.

"އަފްޣާނިސްތާނަށް ބެލިނަމަވެސް އެގައުމަށް އިންޑިއާ އިން ފޮނުވާނީ ޑޮކްޓަރުންނާއި ނަރުހުންނާއި އިންޖިނޭރުން. ޕާކިސްތާނުން އަފްޣާނިސްތާނަށް ބަޔަކު ފޮނުވާ ނަމަ ފޮނުވާނީ ޓެރަރިސްޓުން،" ސުޝްމާ ވިދާޅުވި އެވެ.

ސުޝްމާއަށް ރައްދު ދެމުން ޕާކިސްތާނުގެ މީޑިއާ އިން ވަނީ ދެކުނު އޭޝިޔާގެ ސަރަހައްދުގެ ގައުމުތަކަށް ބާރާއި ނުފޫޒުފޯރުވުމަށް އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާކަމުގެ ތުހުމަތު އިންޑިއާގެ މައްޗަށް ކޮށްފަ އެވެ. މިއީ އިސްތިޢްމާރީ ވިސްނުމެއްގެ ތެރެއިން އެގައުމުތަކުގެ އިގްތިސާދަށް އަތްގަދަ ކުރުމަށް އިންޑިއާ ގެންގުޅޭ ސްޓްރެޓެޖީގެ ބައެއް ކަމަށް ވެސް ޕާކިސްތާނުގައި ޝާއިއުކޮށްފައިވާ މީޑީއާ ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުން ކަޝްމީރުގެ އާންމުންނާ ދެކޮޅަށް ހިންގަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށާއި މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުން ގެންދާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް އިންޑިއާ އިން ހިއްވަރު ދޭކަމަށް ވެސް ޕާކިސްތާނުގެ މީޑީއާ އިން ގެންދަނީ ތުހުމަތު ކުރަމުންނެވެ.

އަނެއްކޮޅުން ޕާކިސްތާނުން ވަނީ އިންޑިއާއާ ގުޅިގެން އަފްޣާނިސްތާނުގައި އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް ބުނެފަ އެވެ. ނިޔުޔޯކްގައި ދެއްވި ބަޔާނެއްގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ އިންޑިއާ އިން އަފްޣާނިސްތާނުގެ ކަންކަމުގެ ތެރެއަށް ވަންނަނަމަ އެކަން ކުރެވިދާނެ ކަމަށާއި ޕާކިސްތާނުން އެކަމުގެ ތެރެއަށް ނުވަންނާނެ ކަމުގަ އެވެ.

އަފްޣާނިސްތާނުގައި ސުލްޙަ ގާއިމް ކުރުމަށްޓަކައި އިންޑިއާއާ ގުޅިގެން ޕާކިސްތާނުން ސިޔާސީ އަދި އަސްކަރީ ދައުރު އަދާކުރުމަށް އެމެރިކާ ބާރުއަޅަމުން ގެންދާ މައްސަލާގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ރައީސް ޓްރަމްޕް އަފްޣާނިސްތާނަށް ކަނޑައެޅުއްވި ސްޓްރެޓެޖީގެ ދަށުން އިންޑިއާއާ ގުޅިގެން ޕާކިސްތާނުން އަފްޣާނިސްތާނުގައި އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމުގަ އެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މި ބަޔާން ދެއްވުމުގެ ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚާން އައްބާސީ ވަނީ އިންޑިއާ އިން އަފްޣާނިސްތާނުގެ ކަންކަމުގެ ތެރެއަށް ވަދެއްޖެނަމަ އަފްޣާނިސްތާނުގެ މައްސަލަ މިހާރަށްވުރެ ގޯސްވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚާން ވިދާޅުވީ އިންޑިޔާއިން އަފްޣާނިސްތާނަށް ވަންނަ ނަމަ އެކަމުގެ މަގްސަދަކަށް ވާނީ ޕާކިސްތާނަށް ދަތިކުރުން ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އައްބާސީ ވިދާޅުވީ އަފްޣާނިސްތާނުގެ ކަންކަމުގެ ތެރެއަށް އިންޑިއާ ވެއްދުމަކީ އެމެރިކާ ހަދާ ބޮޑު ގޯހެއްކަމަށާއި އެމެރިކާއަށް އަފްޣާނިސްތާނުގައި ކާމިޔާބު ނުލިބިގެން އުޅެނީ އަބަދު ވެސް މިފަދަ ގޯސްތައް ހަދަމުން ގެންދާތީ ކަމުގަ އެވެ. މިގޮތުން އެމެރިކާ އަފްޣާނިސްތާނުގައި ހަދާ ގޯސްތަކުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވަން ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށާ ނަމަވެސް އެކަމަށް ޕާކިސްތާން އޮންނާނީ ހޭލައި ކަމަށް އައްބާސީ ވިދާޅުވި އެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުންވަނީ އަފްޣާނިސްތާނުގައި އެމެރިކާއަށް ނާކާމިޔާބީ ތަކާ ކުރިމަތިލާންޖެހެނީ ޕާކިސްތާނުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. މިގޮތުން ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅިފައިވާ ސަރަހައްދީ ރޮނގު ހުރަސްކޮށް ޓެރަރިސްޓުން ހަރަކާތްތެރިވަމުން ދާއިރު ވެސް ޕާކިސްތާނުން އެކަމަށް އަޅާނުލާކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.

މިތުހުމަތު ތަކަށް ރައްދު ދެއްވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅިފައިވާ ސަރަހައްދީ ރޮނގު ހުރަސްކޮށް ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރައްވާފައެވެ. (ނޫސްއެޖެންސީތައް)