ފްރެންޗް ލީގުގައި ޕީއެސްޖީ އިން އެ ޓީމުގެ ތަރި ނޭމާ ނުލައި ކުޅުނު މެޗުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މޮންޓްޕެލިއާ އާ ދެކޮޅަށް ރަށުން ބޭރުގައި ރޭ ޕީއެސްޖީ ކުޅުނު މެޗު ނިމިފައި ވަނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިއީ ޕީއެސްޖީ އިން ލީގުގައި ޕޮއިންޓެއް ވައްޓާލި ފުރަތަމަ މެޗެވެ. މި މެޗުން އެއްވަރުވި ނަމަވެސް ޕީއެސްޖީ އަދިވެސް އޮތީ 19 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނާގައި އޮތް މޮނާކޯ އަށް ލިބެނީ 18 ޕޮއިންޓެވެ.

ކުރިން މެޗުގައި ލިޔޯން އަތުން 0-2 އިން މޮޅުވި މެޗުގައި ނޭމާ އާއި އެޑިންސަން ކަވާނީ އާ ދެމެދު ޕެނަލްޓީ އެއްގެ މައްސަލާގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. ރޭގެ މެޗު ނޭމާ އަށް ނުކުޅެވުނީ ފަޔަށް ލިބުނު ކުޑަ އަނިޔާއަކާ ގުޅިގެން ކަމަށް ޕިއެސްޖީން ވަނީ ބުނެފަ އެވެ.

ނޭމާގެ ބަދަލުގައި ރޭގެ މެޗުގައި ފެނިގެން ގޮސްފައި ވަނީ ޖޫލިއަން ޑްރެކްސްލާ އެވެ. ނަމަވެސް އޭނާ އަށް ތަނަވަސް ކުރެވިފައި ވަނީ މަދު ފުރުސަތުތަކެކެވެ. މީގެ އިތުރުން ކަވާނީ އާއި ކިލިއަން އެމްބާޕޭ އަށް ވެސް ރަނގަޅު ދެ ފުރުސަތު ލިބި ވަނީ ބޭނުން ނުކުރެވިފަ އެވެ.

މޮންޓްޕޭލިއާ އިން ރަނގަޅު ޑިފެންސިވް ގޭމް އެއް ކުޅުނު މި މެޗުގެ އެންމެ ރަނގަޅު ފުރުސަތު ވެސް ލިބިފައި ވަނީ ކަވާނީ އަށެވެ. އޭރިއާ ތެރެއަށް ހުރަސް ވެގެން އައި ބޯޅަ އަށް އޭނާ ހޫރާލި ފައި އަމާޒު ނުވެ ބޯޅަ ދިޔައީ ބޭރަށެވެ.

އަނިޔާ ވެފައިވާ ނޭމާ އަށް ދެން ޕީއެސްޖީން ކުޅޭ މެޗުގައި ކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެ އެވެ.