ރައްޔިތުންގެ އާންމު ދިރިއުޅުމަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކޮންމެ މީހަކުވެސް މިހާރު އުޅެންޖެހެނީ ވަރަށް "ބިޒީ ޝެޑިއުލެއް"ގައެވެ. އަވަދިނެތި މިގޮތަށް އުޅެމުން، އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ބައެއް ޚިދުމަތްތައް ލިބިގަތުމަށްޓަކައި ބޮޑެތި ކިއުތަކުގައި ޖެހި، އެތަކެއް ވަގުތު ދުއްވާލަން ޖެހުމަކީ އަދި މާ ބޮޑު ބުރައަކަށް ވަނީ ވެފައެވެ.

ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތްފަދަ އަސާސީ ޚިދުމަތްތަކަކީ އެއާނުލައި ދިރިއުޅުން ފުރިހަމަ ނުކުރެވޭނޭ ކަންކަމެވެ. އެހެންކަމުން މި ޚިދުމަތްތައް ހޯދަންވެސް، ބޮޑެތި ކިއުތަކުގައި ޖެހި، ވަގުތުތައް ދުއްވާލަން ޖެހޭ ފަހަރު މަދެއް ނޫނެވެ. ނަމަވެސް ދިވެހީންގެ ފެން ކުންފުނިން މިހާރު ވަނީ، އެކުންފުނީގެ ޚިދުމަތްތައް ސީދާ "ކަސްޓަމަރުގެ ޖީބާހަމައަށް" ތިލަކޮށްލަ ދީފައެވެ.

އެމްޑަބްލިއުއެސްސީގެ އޮފިޝަލް މޮބައިލް އެޕް ގޫގުލް އެޕްސް

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އިން ފޯރުކޮށްދޭ، މުޙިއްމު ބައެއް ޚިދުމަތްތައް ހޯދަން މިހާރު، ކޮންމެހެން ބޮޑު ކިއުއެއްގަ ޖެހޭކަށް ނުޖެހޭނެއެވެ. އަމިއްލަ ޖީބުގައި އޮންނަ ސްމާޓް ފޯނުގެ އެހީގައި މިހާރު އެ ޚިދުމަތްތައް ލިބިގަނެވޭނެއެވެ.

އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ކުންފުނީގެ ޚިދުމަތްތަކަށް ޚާއްސަ މޯބައިލް އެޕެއް (އެޕްލިކޭޝަން)އެއް ތައާރަފްކޮށްފައެވެ. އެއީ އެ ކުންފުނީގެ ޚިދުމަތްތައް ކަސްޓަމަރުންނާ ގާތަށް ގެންދިއުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި އެޕަކީ ނުހަނު ފަސޭހަކޮށް ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެ ގޮތަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.އައިޓިއުންސް އެޕްސްޓޯރުންނާއިގޫގުލް ޕްލޭއިންމިހާރު މި މޮބައިލްއެޕް ޑައުންލޯޑުކުރެވޭނެއެވެ.

އެމްޑަބްލިއުއެސްސީގެ އޮފިޝަލް މޮބައިލް އެޕަށް ކަސްޓަމަރުން ހޭލުންތެރިކުރުވުމުގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންދާ ރޯޑްޝޯގެ ތެރޭން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

"މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން އާންމުކޮށް އަޅުގަޑުމެންގެ ކަސްޓަމަރ ފްރަންޓް އޮފީހަށް ވަޑައިގެން، ހޯއްދަވަން ބޭނުންވެލައްވާ ޚިދުމަތްތައް ސްމާރޓް ފޯނެއް މެދުވެރިކޮށް ހޯދޭނެ. މި ޚިދުމަތަކީ ސްޓޭޓް އޮފް ދި އާރޓް ފެންވަރަށް ފަރުމާކުރެވިފައިވާ ޚިދުމަތެއް،" އެ ކުންފުނީގެ ރަސްމީ މޮބައިލް އެޕާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ މޮބައިލް އެޕުން ލިބެނީ ކޮން ޚިދުމަތްތަކެއް؟

އެމްޑަބްލިއުއެސްސީން ބުނީ، އެ ކުންފުނީގެ އޮފިޝަލް މޮބައިލް އެޕް މެދުވެރިކޮށް، ކުންފުނީން އާންމުންނާ ހަމައަށް ފޯރުކޮށްދޭ ވަރަށް ގިނަ ޚިދުމަތްތަކެއް ހޯދޭނޭ ކަމަށެވެ.އެގޮތުން...:

  • ބިލްތައްޔާރު ވުމުން ވަގުތުން ކަސްޓަމަރުންނަށް ނޯޓިފިކޭޝަން މެސެޖަކާއި އެކު ބިލް ލިބުން.

  • ބިލްގެ މުއްދަތު ހަމަވުމުގެ ކުރިން ބިލް ރިމައިންޑަރ މެސެޖެއް ލިބޭނެ.
  • އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭނެ.
  • ބިލް، ރީޑިންގ އަދި ޕޭމަންޓް ހިސްޓްރީ ފެންނާނެ.
  • އެއްމީޓަރަށް ވުރެ ގިނަ މީޓަރުގެ ހުރިހާ ތަފްސީލެއް އެއްތަނަކުން ފެންނަން ހުންނާނެ.
  • ކޮންސަމްޕްޝަން ޕެޓާރން.
  • ގޭގެ ވެރިފަރާތައް އެޕް މެދުވެރިކޮށް ޚިދުމަތައް އެދިލެއްވޭނެގޮތް މެދުވެރިވުން
  • ކަސްޓަމަރުން އަމިއްލަޔަށް ބިލް ކަލްކިއުލޭޓް ކުރުމަށް ބިލް ކަލްކިއުލޭޓަރ

އެމްޑަބްލިއުއެސްސީގެ އޮފިޝަލް މޮބައިލް އެޕަށް ކަސްޓަމަރުން ހޭލުންތެރިކުރުވުމުގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންދާ ރޯޑްޝޯގެ ތެރޭން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ފެންކުންފުނިން ހަމައެކަނި މޮބައިލް އެޕެއް ތައާރަފްކޮށްލާފައި ނިންމާލީކީ ނޫނެވެ. އެ ކުންފުނިން މިހާރު ވަނީ، އެޕަށް ކަސްޓަމަރުން ހޭލުންތެރިކުރުމަށް ޚާއްސަ ރޯޑްޝޯއެއްވެސް ފަށައިފައެވެ. އެގޮތުން މިއަދުން ފެށިގެން އަމީނީ މަގުގައި ހުންނަ ފެން ބިލްޑިންގުގެ ގޭޓް ކައިރީގައި މި ހަރަކާތް ކުރިއަށް ދާނެއެވެ.

"އަޅުގަނޑުމެން މިދަނީ، މި އެޕްލިކޭޝަން ކަސްޓަމަރުންގެ ފޯނަށް އިންސްޓޯލްކޮށްދީ، ޚިދުމަތް ބޭނުންކުރާނޭގޮތް ބުނެދެމުން. މިހާރު އަދި މި ހަރަކާތް ކުރިއަށް މިދަނީ މިތަނުގައި އެކަނި. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން މާލޭގެ އެކި ސަރަހައްދުތަކުގައިވެސް މި ރޯޑްޝޯ ކުރިއަަށް ގެންދާނަން،" އެމްޑަބްލިއުއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ވަނީ، މޯބައިލް އެޕްގެ އިތުރުންވެސް އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފަސޭހަކުރުމަށްޓަކައި ތަފާތު އާ ޚިދުމަތްތައް ތައާރަފްކޮށްފައެވެ. އަދި ކުންފުނީގެ މަސައްކަތްތައް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފައްތައިގެން ކުރިއަށް ގެންދިޔުމަށްޓަކައި "އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ" ސްޓޭންޑަޑް ތަޢާރަފް ކުރެވި ދަނީ ދަމަހައްޓަމުނެވެ.