28 Jul 2011, 18:04
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުވެގެން ހ. ކަހަފަތި، މުހައްމަދު އަހުމަދު، 35 އަހަރަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު ހައްޔަރުކޮށްގެން، ޝަރުއީ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގައި ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަމުންދިޔަ މުހައްމަދު އަހުމަދު މައްސަލަ ނިންމައި ގާޒީ މިއަދު ކުރެއްވެވި ހުކުމްގައި ބުނެފައި ވަނީ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުވެގެން 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ. އަދި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުވެގެން މުހައްމަދު އަހުމަދު އުމުރަށް )25 އަހަރަށް( ޖަލަށް ލުމަށް ހުކުމް ކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
މުހައްމަދު އަހުމަދުގެ މައްޗަށް ކުށް ސާބިތުވުމުން އުމުރަށް ޖަލާން ހުކުމްކޮށް، ޝަރީއަތުގެ މަޖިލީހުން ނެރެގެން ގެންދިޔައިރު އޭނާގެ މޫނުމަތިން މާޔޫސްކަމެއް ފެންނާކަށެއް ނެތެވެ. އަދި ގެންދިޔަ ވަގުތު ކޯޓުގެ ހުކުމަށް ފުރައްސާރަކުރުމުގެ ގޮތުން "އެންމެ 35 އެއް ޖެހީ" ކަމަށް އޭނާ ބުނި އަޑު އެތަނުގައި ތިބި ނޫސްވެރިންނަށް އިވިފައިވެ އެވެ. ފުލުހުން އޭނާ ކޯޓުން ނެރެގެން ގެންދިޔައީ ފުރަގަހަށް އަތުގައި ދެބިޑި އަޅުވައިގެންނެވެ.
މުހައްމަދު އަހުމަދުގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާ ސާބިތުވެގެން ޖުމްލަ 35 އަހަރަށް ޖަލަށް ލުމަށް ގާޒީ ހުކުމް ކުރެއްވީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދެވަނަ މާއްދާގެ )ހ( ގައި ބުނެފައި ވަނީ މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް ރާއްޖޭގައި ހެދުމާއި، އުފެއްދުމާއި، ވިއްކުމާއި، ގަތުމާއި، ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި ބެހެއްޓުމާއި، މިއިން ކަމެއް ކުރަން އުޅުމާއި، އެއިން ކަމެއް ކުރަން އުޅުމުގައި ބައިވެރިވުމަކީ ކުށެކެވެ. އަދި އެ މާއްދާގެ )ށ( ބުނެފައި ވަނީ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ އެއްގުރާމަށްވުރެ، ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލެވޭނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓީ ކަމަށެވެ. އަދި ކުށެއްގެ ގޮތުން އެ މީހެއްގެ އަދަބަކަށް އުމުރަށް )25 އަހަރަށް( ޖަލަށް ލުމަށް ހުކުމް ކުރެވޭނެ ކަމަށް 1977 ވަނަ އަހަރު އަމަލް ކުރަން ފަށާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައިވެ އެވެ.
އަހުމަދު މުހައްމަދުގެ ދައުލަތުން ދައުވާ ކުރި ދެ ވަނަ މައްސަލާގައި ކޯޓުން ހުކުމްކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގެ )ށ(ގެ ދަށުންނެވެ. އެ ގާނުނުގެ ތިން ވަނަ މާއްދާގެ )ށ( ގައި ބުނެފައި ވަނީ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްވެސް އެއްޗެއް ވިޔަފާރި ކުރުމާއި އެފަދަ އެއްވެސްއެއްޗެއް ދިނުމާއި، ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި އެއިން ކަމެއް ކުރަން އުޅުމާއި އެކަމެއް ކުރުމުގައި ބައިވެރިވުމަކީ ކުށެކެވެ. އަދި އެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުމެވެ.