ބާލިން (ސެޕްޓެމްބަރު 24): ޖަރުމަންވިލާތުގެ ޗާންސެލަރުގެ މަގާމުގައި އެންގެލާ މާކެލްއަށް ހަތަރު ވަނަ ދައުރަކަށް ހުރެވޭނެކަން ނިންމާނެ ފެޑެރަލް އިލެކްޝަނުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

އެއިންތިހާބުގައި ޖަރުމަނުގެ ރައްޔިތުން ހޮވާނީ މަޖިލިސް މެމްބަރުންނެވެ. އަދި އެމެމްބަރުންގެ މެޖޯރިޓީން ޗާންސެލަރަކު އައްޔަން ކުރާނެ އެވެ.

އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި މާކެލްގެ ކްރިސްޓިއަން ސޯޝަލް ޔޫނިއަން ޕާޓީ (ސީޑީޔޫ) އަށް ތާއިދު ކުރާ މީހުންގެ އަދަދު 36 ޕަސެންޓަށް އަރަ އެވެ. އެއީ އެޕާޓީއާ އެންމެ ގާތުން ވާދަ ކުރާ، އަދި މިހާރު ޖަރުމަނުގައި އޮތް ސަރުކާރުގައި ސީޑީޔޫއާ ކޯލިޝަން ހަދާފައިވާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) އަށް އޮތް ތާއިދަށް ވުރެ 22 ޕަސެންޓް އިތުރު އަދަދެކެވެ.

އެހެންކަމުން ގިނަ ބަޔަކު ލަފާ ކުރާ ގޮތުގައި އެ އިންތިހާބު ކާމިޔާބު ކުރާނީ މާކެލްގެ ސީޑީޔޫއިންނެވެ. އަދި އެގައުމުގެ ވެރިކަމަށް އިތުރު ހަތަރު އަހަރަށް ހޮވާނީ މާކެލް އެވެ.

ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގައި އިތުރު ގޮނޑިތައް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ޕާޓީތަކުގެ ތެރޭގައި އިސްލާމް ދީނާއި އިމިގްރޭޝަނާ ދެކޮޅު، އޯލްޓަނޭޓިވް ފޯ ޖާމަނީ (އޭއެފްޑީ) ހިމެނެ އެވެ. ޖަރުމަން ވިލާތަށްދާ ރެފިއުޖީންނަށް އެގައުމުގެ ބޯޑަރުތައް ހުޅުވާލުމަށް މާކެލް ނިންމެވުމާ ގުޅިގެން އެޕާޓީން ވަނީ އޭނާއަށް ފާޑުކިޔައި، އެގައުމުގެ ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ޖަރުމަނުގެ ފެޑެރަލް އިލެކްޝަންގައި މި އަހަރު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 61.5 މިލިއަނަށް އަރަ އެވެ. (ބީބީސީ)