ސްޕެނިޝް ލީގުގައި ބާސެލޯނާ ޖެހި ޖެހިގެން ހަ މެޗުން މޮޅުވެ، ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

ޖިރޮނާ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މި މެޗު ބާސާ އިން ކާމިޔާބު ކޮށްފައި ވަނީ 0-3ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ބާސާ ލީގުގެ އެއްވަނާގައި މިހާރު އޮތީ 18 ޕޮއިންޓާ އެކު އެވެ. ދެވަނާގައި 14 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ތިންވަނާގައި 13 ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ. އަދި 11 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނާގައި އޮތީ ރެއާލް މެޑްރިޑެވެ.

ބާސާގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް އެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. އެޓީމުން ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 17 ވަނަ މިނެޓްގަ އެވެ. މި ގޯލަކީ ޖިރޮނާގެ ބެނީޓޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ބަސާގެ ތަރި ލިއޮނަސް މެސީ ވަރަށް މަޑުމައިތިރި ކޮށް ފެނިގެން ދިޔަ މި މެޗުގައި ބާސާގެ ދެވަނަ ލަނޑަކީ ވެސް ގިރޮނާގެ ޖިރޮނާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި ބާސާގެ ތިންވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ވެސް ރޭ ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފަ އެވެ. ރަށުން ބޭރުގައި އަލަވޭސްއާ ބައްދަލުކޮށް މި މެޗު ރެއާލް އިން ކާމިޔާބު ކުރީ 1-2 ގެ ނަތިޖާ އަކުންނެވެ. މި މެޗުގައި ރެއާލްގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ޑެނީ ސެބަލޯސް އެވެ.