24 Sep 2017, 09:18
މަޝްހޫރު ކޮރިއޯގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާގެ ކުރިއަށް އޮތް ފިލްމު 'އޭބީސީޑީ3'ގެ ބަތަލަކަށް ވަރުން ދަވަން ހަމަޖައްސައ އެ ފިލްމު އިއުލާން ކޮށްފިއެވެ.
ފިލްމު އިއުލާންކުރުން އޮތީ ސްޓާ ޕްލަސްއިން ގެނެސްދޭ ރޭމޯގެ ޑާންސް ޝޯ "ޑާންސް ޕްލަސް 3" ނިންމުމުގެ ރަސްމިއްޔާތުގައެވެ.
"އޭބީސީޑީ3" ފިލުމަކީ ކާމިޔާބު ފިލްމު ފްރެންޗައިޒެކެވެ. ފިލުމުގެ ދެބައެއް މިހާރު ނުކުމެފައިވާ ވާއިރު އެ ދެ ފިލުމަށްވެސް ބެލުންތެރިންދޭ ތަރުހީބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
"އޭބީސީޑީ 3"ގައި ހަރަކާތްތެރިވާނީ "އޭބީސީޑީ 2"ގެ ވެސް ތަރިން ކަމަށްވާ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު ކަމަށް ކުރިން ވެސް ރޭމޯ ވަނީ ބުނެފައެވެ. ނަމަވެސް އެ ރޭ އޭނާ އިއުލާންކުރީ ހަމައެކަނި ވަރުންގެ ނަމެވެ.
އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ރެމޯ ބުނީ ސަލްމާން ޚާނާ އެކު އުފައްދާ "ރޭސް 3"ގެ މަސައްކަތް ނިންމުމަށް ފަހު "އޭބީސީޑީ3"ގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.
"ފިލުމުގައި ފެނިގެންދާނެ އާންމު މޫނުތަކެއް. ޑާންސް ޕްލަސް 3"ގެ ބައިވެރިން ފިލުމު ކުޅޭނެ. ރާގަވް އާއި ދަރްމޭޝް އަދި ޕުނީތު ވެސް މުހިއްމު ރޯލުތަކެއް ކުޅޭނެ. ފިލުމު ވެގެންދާނެ ކުރީ ފިލުމުތަކާ އަޅާ ކިޔާއިރު މުޅިން ތަފާތު ސަޅި ފިލުމަކަށް،" އޭނާ ބުންޏެވެ.