24 Sep 2017, 08:55
ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމެންޓް (ފޭސް) ޖަމިއްޔާ އިން "ފޭސް އެކަޑަމީ" ނަމުގައި ގދ. ފިޔޯރީގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފިއެވެ.
ކުޑަކުދިންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް، ޕްރޮފެޝަނަލް ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި އުފެއްދި މި އެކަޑަމީ ފެށުމުގެ ގޮތުން ފިޔޯރީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ހަތް އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންންނަށް އަމާޒުކޮށްގެން ފެށި މި އެކަޑަމީގައި 40 ކުދިން ބައިވެރިވެފައިވެއެވެ.

ފޭސް އެކަޑަމީ ފެށުމުގެ ތެރެއިން-- ފޮޓޯ: ފޭސް
ފޭސް އެކަޑަމީ ގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ އޭއެފްސީ ލައިސަންސް ކޯޗު ފުރިހަމަކޮށްފައިވާ ފިޔޯރީއަށް ނިސްބަތްވާ ދެ ކޯޗުންނެވެ. ޓްރެއިނިންގތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު ފެށި މި އެކަޑަމީގައި ބައިވެރިވާ ކުދިންގެ އަތުން އެއްވެސް ފީއެއް ނުނަގާގޮތަށް ހަމަޖެހިފައިވާކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދީފައިވެއެވެ.
މި އެކަޑަމީގެ މެއިން ސްޕޮންސަރުންނަކީ ޖާރޒީ ވިއްކުމުގައި މަޝްހޫރު ފިހާރައެއްކަމުގައިވާ "ވައިޓް ރެބިޓް ސްޕޯޓްސް" އެވެ.

ފޭސް އެކަޑަމީ ފެށުމުގެ ތެރެއިން-- ފޮޓޯ: ފޭސް
ފޭސް ޖަމިއްޔާއަކީ 2012 ވަނަ އަހަރުން ފެށިގެން ފިޔޯރީގެ އިޖްތިމާޢީ ތަރައްޤީއަށް އެކި ދާއިރާތަކުން މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މި ގޮތުން އެ ޖަމިއްޔާއިން ދަނީ ފިޔޯރީގައި ޤުރުއާން ކްލާހެއް ހިންގަމުންނެވެ. އަދި ފިޔޯރީ ބަނދަރު ސަރަހައްދުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ފިޔޯރީގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.