އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އއ. މާޅޮސް އަތުން 3-0 އިން ހޯދި ފަސޭހަ މޮޅާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފުރަތަމަ ބުރު ނިންމާލައިފިއެވެ.

އެ މެޗުން މޮޅުވެ މާޒިޔާ ވަނީ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ނިއުއަށް ހަތް މެޗުން 18 ޕޮއިންޓު ލިބޭއިރު ދެ ވަނައިގައި އޮތް މާޒިޔާއަށް ހަތް މެޗުން ލިބެނީ 16 ޕޮއިންޓެވެ. މާޒިޔާއަށް ދެވަނަ ގެއްލޭނީ މިރޭ ޓީސީއާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗުން ބޮޑު ތަފާތަކުން ޓީސީ މޮޅުވެގެންނެވެ.

މެޗު ފެށިގެން ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. ފުރަތަމަ މިނެޓު ތެރޭ ސަމޫހު އަލީ (ސަމުއްޓެ) ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އަޝްއަދު އަލީ (އަޑޭ) ވެއްޓިގެންފައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

މާޒިޔާއިން ލީޑު ނެގީ މެޗުގެ 34 ވަނަ މިނެޓުގައި މާޅޮހުގެ އަބްދުﷲ އިބްރާހިމް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މުހައްމަދު އުމައިރު ނަގައިދިން ކޯނަރު، އަބްދުﷲ އިބްރާހިމްގެ ގައިގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. އަހުމަދު އިމާޒް (އާއްކޮ) އަށް ލިބުނު ހުސް ފުރުސަތުގައި އޭނަ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ވެސް އިދިކޮޅު ގޯލަށް ނުރައްކާކުރާ މަންޒަރު ފެނުނީ މާޒިޔާގެ ފަރާތުންނެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓްގައި މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބު ފެނިގެންދިޔައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކެރިޗް އަންދްރޭއެވެ. މާޅޮސް އޭރިއާ ތެރެއަށް އުމެއިރު ހުރަސްކޮށްލި ބޯޅަ ކެރިޗް ވަނީ ކީޕަރު ޒަމީރު ފައިގައި ޖައްސާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

އެ ލަނޑާއެކު މާޅޮހުން ކުޅުން ރަނގަޅުކުރި ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ވަނީ ނުވެފައެވެ. ނަތީޖާއެއްގެ ގޮތުން މާޒިޔާ އިން ވަނީ ތިންވަނަ ލަނޑެއް ޖަހާފައިވެއެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އުމެއިރުއެވެ.

މިއަދުގެ މެޗުން ބަލިވި މާޅޮސް އޮތީ ހަތް މެޗުން ލިބުނު ދެ ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.