28 Jul 2011, 15:53
ބްރެޒިލްގެ ސަންޓޯސްގައި ހުރެވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެވޭނެ ކަމަށް ބުނި ނޭމާ އަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގައިގައި އެކުލެވެންޖެހޭ ހުނަރުތައް ކުރީގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑީނިއޯ ދައްކާލައިފި އެވެ. ސަންޓޯސް އާއި ފްލެމިންގޯ ބައްދަލުކުރި މެޗްގައި ރޮނާލްޑީނިއޯ ވަނީ ހެޓްރިކެއް ހަދައި ފަހަތުން އަރައި ފްލެމިންގޯއަށް ލީޑް ނަގައިދީފަ އެވެ.
ނޭމާގެ ސަބަބުން ނަން ވިދަމުންދާ ބްރެޒިލްގެ ކްލަބް ސަންޓޯސް އިން ވަނީ ރޮނާލްޑީނިއޯގެ ކެޕްޓަންކަމުގެ ދަށުގައި ކުޅެމުންއައި ފްލެމިންގޯ ކޮޅަށް ތިންލަނޑު ޖަހާފަ އެވެ. ސަންޓޯސް އިން ޖެހި ފުރަތަމަ ދެލަނޑު ބޯޖަސް ޖެހިއިރު ފަހު ދެލަނޑު ސަންޓޯސް އަށް ކާމިޔާބުކޮށްދިނީ ރޮނާލްޑީނިއޯ އެވެ.
ފްލެމިންގޯ ކުޅުންތެރިންގެ ބުރަ މަސައްކަތުން ފަހަތުންއަރާ މޮޅު ހޯދާފައިވެ އެވެ. ފްލެމިންގޯގެ ފުރަތަމަ ލަނޑާއި ފަހު ދެލަނޑު ރޮނާލްޑީނިއޯ ކާމިޔާބުކުރިއިރު ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތިއާގޯ ނެވެސްއާއި ޑެއިވިޑް އެވެ. މިމެޗްގައި ހެޓްރިކެއް ހެދުމުގެ އިތުރުން އަނެއް ދެލަނޑު ކާމިޔާބުކޮށް ދިނުމުގައި ރޮނާލްޑީނިއޯ ވަނީ ބޮޑު ދައުރެއް އަދާކޮށްފަ އެވެ.
ފުރިހަމަ ވަގުތު ހަމަވެގެން 4-5 ގެ ނަތީޖާއަކުން ސަންޓޯސްގެ މައްޗަށް ފްލެމިންގޯ ކުރި ހޯދުމުގެ ސަބަބުން ފްލެމިންގޯ ވަނީ ބްރެޒިލް ލީގުގެ ތާވަލްގެ ތިންވަނަ އަށް ޖެހިލާފަ އެވެ. ބްރެޒިލްގެ ކުރިން އެއް ވަނާގައިވާ ކޮރިންތިއަންސް އަށް 28 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައިވާ ސައޮ ޕައުލޯއަށް ލިބިފައި ވަނީ 22 ޕޮއިންޓެވެ. ދެވަނާގައިވާ ސައޮ ޕައޮލޯ އާއި ފްލެމިންގޯ އާއި ދެމެދު ވަނީ އެއްޕޮއިންޓްގެ ފަރަގެވެ.
ފްލެމެންގޯ އާއި ސަންޓޯސްއާ ދެކޮޅަށް ކުޅުނު މެޗްގައި ރޮނާލްޑީނިއޯ ހެދި ހެޓްރިކާއިއެކު މިސީޒަންގެ ބްރެޒިލް ލީގުގެ އެއްވަނާގައި އުޅެނީ ރޮނާލްޑީނިއޯ އެވެ. ރޮނާލްޑީނިއޯ މިސީޒަންގައި އަށް ލަނޑު ޖަހާފައިވެ އެވެ. ދެވާނާގައިވާ ކުޅުންތެރިޔާ އަށް ޖެހިފައިވަނީ ހަ ލަނޑެވެ.