23 Sep 2017, 18:49
ޕްރިޒަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ލީގު ޗެމްޕިއަންކަން މާފުށި ޕްރިޒަނުން ކަށަވަރު ކޮށްފިއެވެ.
މާފުށީ ޕްރިޒަނުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ފުރަތަމަ ބުރުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. އިއްޔެ އެ ޓީމު ކުޅުނު ފުރަތަމަ ބުރުގެ ފަހު މެޗުގައި ޓީމް އައްސޭރި އަތުން މޮޅުވެފައިވަނީ 4-2 ލަނޑުގެ ނަތީޖާއަކުންނެވެ.
އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި މާފުށި ޕްރިޒަނުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ޖައިލަމް ޖަމީލް ދެ ލަނޑު ކާމިޔާބު ކޮށްދިންއިރު، އަހުމަދު ނައުފަލްއާއި އަބްދުﷲ މުހައްމަދު ވެސް އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނެވެ. ޓީމް އައްސޭރީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ނިޝާން އަހުމަދާއި އަލީ ޝާޖިދުއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާފުށި ޕްރިޒަންގެ އަހުމަދު ނައުފަލްއެވެ.
ޕީއާރުސީ ފުޓްބޯޅަ މުބާރާތް ކުރިއަށްދަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ފުރަތަމަ ބުރުގެ ގަދަ ހަތަރު ޓީމު ދެވަނަ ބުރަށް ދަތުރު ކުރާއިރު، އެ ބުރުގައި ފުރަތަމަ ކުޅޭނީ ސެމީ ފައިނަލްގެ ދެ މެޗެވެ. އެ މެޗުތަކުން މޮޅުވާ ދެ ޓީމު ފައިނަލުގައި ވާދަކޮށް، މޮޅުވާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.
އެ މުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ އައްސޭރި ޕްރިޒަންއާއި މާފުށި ޕްރިޒަންއާއި މާލެ ޕްރިޒަންއާއި ޓީމް އެޗްކިއު އަދި އީއެސްޖީއެވެ. ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައިވާ ހަތަރު ޓީމު ވެސް މިހާރު ވަނީ ކަށަވަރުވެފައެވެ. އެ ހަތަރު ޓީމަކީ ލީގު ޗެމްޕިއަން މާފުށީ ޕްރިޒަންއާއި އީއެސްޖީއާއި ޓީމް އެޗްކިއު އަދި ޓީމް އައްސޭރިއެވެ. ފުރަތަމަ ބުރުގެ ކުޅުން ނިމިގެންދާނީ މާދަމާގެ މެޗަށް ފަހުއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މައުލޫމާތު ދޭގޮތުގައި، އެ މުބާރާތަކީ އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކޮށް، ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް އޮފިސަރުންނާއި މުވައްޒަފުން ޝައުގުވެރި ކުރުވުމާއި، އެމްސީއެސްގައި ތިބި ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް އެ ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމާއި، ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ އޮފިސަރުންނާއި މުވައްޒަފުންނަށް އެ ރޮނގުން ފުރުސަތު ތަނަވަސްކޮށްދީ، ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެކެވެ.