23 Sep 2017, 18:03
ތެެހެރާން (ސެޕްޓެމްބަރު 23): އީރާނުން ކާމިޔާބު ކަމާ އެކު މެދު ރާސްތާ މިސައިލެއް ޓެސްޓު ކޮށްފި ކަމަށް އެ ގައުމުން ބުނެފި އެވެ.
ދެހާސް ކިލޯމީޓަރުގެ ރާސްތާއަކަށް ފޮނުވާލެވޭ އެ މިސައިލް ލޯންޗު ކުރި މަންޒަރު އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ދައްކާފަ އެވެ. ނަމަވެސް އެ މިސައިލް ލޯންޗު ކުރީ ކޮންއިރަކުކަން އެ ޓީވީން ބުނެފައެއް ނުވެ އެވެ.
އިރާނުން އެ މިސައިލް ލޯންޗު ކުރީ އެ ގައުމުގެ މިސައިލް ޕްރޮގްރާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވި ފަހުންނެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރައްވަމުން ޓްރަމްޕް ވަނީ އީރާނަކީ މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ "ކޮރަޕްޓް ޑިކްޓޭޓާޝިޕެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގައުމުން ޓެރަރިޒަމަށް ތާއީދު ކުރުން ހުއްޓާލުމަށާއި، ބަރަކް އޮބާމާގެ ދައުރުގައި އީރާނާއި ދުނިޔޭގެ ގައުމުތަކާ މެދު ހެދި ނިއުކްލިއާ އެއްބަސްވުމަކީ ލަދުވެތި ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މިދިޔަ ޖުލައި މަހު އެމެރިކާއިން ވަނީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅިގެންނާއި އެ ގައުމުން ޓެރަރިޒަމަށް ތާއިދު ކުރާ ކަމަށް ބުނެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. (ބީބީސީ)