އިސްލާމިކް ފައިނޭންސް އަދި ލީޑާޝިޕާއި މެނޭޖްމެންޓުގެ ބައިނަލްއަގްވާމީ މަހާސިންތާ މިއަދު މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގައި ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މި ކޮންފަރެންސްގައި ރާއްޖޭގެ އިލްމުވެރިންގެ އިތުރުން، ތުރުކީ އާއި އިނގިރޭސި ވިލާތް، މެލޭޝިއާ، ޖަޕާން، ޖޯޑަން އަދި މިސްރާއި ފަލަސްތީނުން ކަރުދާސް ހުށަހަޅާފައިވެ އެވެ.

ކޮންފަރެންސް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާނު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެފަދަ ކޮންފަރެންސްތަކުން ފާހަގަކުރާ ދިރާސާ ކަރުދާސްތަކަކީ، ތަރައްގީގެ މަސައްކަތްތަކަށް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އަދި އެ އިލްމާއި މައުލޫމާތު، ތަރައްގީގެ މަސައްކަތްތައް ލިބެން ޖެހޭ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ކޮންފަރެންސްގައި މެނޭޖްމެންޓާއި ލީޑާޝިޕް އަދި އަލަށް ކުރާ އީޖާދުގެ ތެރެއިން އިިސްލާމީ މާލީ ސަނާއަތުގެ ސާބިތުކަމާއި ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ މާލީ ނިޒާމާ ބެހޭ ވަރަށް ގިނަ ފުރުސަތު އައިޔޫއެމުން ވަނީ ފަހިކޮށްދީފައި ކަމަށާއި އެގޮތުން އިސްލާމީ އިގްތިސޯދާ ގުޅޭ ހާއްސަ ޔުނިޓެއް ލައިބްރަރީގައި ގާއިމް ކުރުމާއި އޮންލައިން ލައިބްރަރީގެ ހިދުމަތް ފޯރުކޮށްދިނުމާއި އެޑްވާންސް ސެޓްފިކެޓުން ފެށިގެން މާސްޓާސްއާ ހަމައަށް އިސްލާމީ ފައިނޭންސްގެ ދާއިރާއިން ފަހިކޮށްދީފައިވާ ކަމަށެވެ.

އެ މަހާސިންތާގައި 300 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.