ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގެ ދެވަނަ ލެގުގައި މިރޭ ރާއްޖެ އާއި އީރާން ގަލޮޅު ދަނޑުގައި ކުޅޭ މެޗުގެ ޓިކެޓު ހުސްވި އިރު، ކަޅު ބާޒާރުގައި ޓިކެޓް ވިއްކަން ފަށައިފި އެވެ.

މެޗް ފެށުން އެންމެ ފަސް ގަޑިއިރަށް ވެފައިވާ އިރު، ކަޅު ބާޒާރުގައި ޓިކެޓް ވިއްކަމުން ދަނީ ކުރިން 10ރ. ސިޑިބަރިން ވިއްކި ޓިކެޓް 300ރ. އަށެވެ. އަދި 30ރ. އާއި 35ރ. އަށް ކުރިން ގޮނޑިބަރިން ވިއްކި ޓިކެޓް ކަޅު ބާޒާރުގައި މިއަދު ވިއްކަމުން ދަނީ 500ރ. އަށެވެ.

އެފްއޭއެމްގެ އިސް އޮފިޝަލަކު ބުނީ، ޓިކެޓް ވިކި ހުސްވި އިރު، ޓިކެޓް މިހާރު ވިއްކަމުން އަންނަނީ ކަޅު ބާޒާރުގައި ކަމަށެވެ. ކަޅުބާޒާރުގައި ޓިކެޓް ވިއްކި ކަމުގައި ވިޔަސް މިރޭގެ ދަނޑު އެއްކޮށް ފުރޭނެ ކަމަށް އޭނަ ބުންޏެވެ.
އެފްއޭއެމް އިން ބުނީ، މިރޭގެ މެޗަށް ގޮނޑިބަރިން ގާތްގަނޑަކަށް 1700 ޓިކެޓް ވިއްކާފައި ވާއިރު، ސިޑިބަރިން ވިއްކާފައި ވަނީ ގާތްގަނޑަކަށް 7000 ޓިކެޓު ކަމަށެވެ.

ގާތްގަނޑަށް 10000 މީހުންގެ ޖާގަ އޮންނަ ގަލޮޅު ދަނޑުގައި މިރޭ ކުޅޭ މެޗް ބެލުމަށް ޓަކައި ގިނަ ބަޔަކު ކަޅު ބާޒާރުން އަގުބޮޑުކޮށް ޓިކެޓު ގަނެގެން މެޗު ބަލަން ދަނޑަށް ވަންނާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
މިރޭގެ މެޗަށް ދިވެހި ޓީމް ނުކުންނައިރު، ފުރަތަމަ ލެގުގައި އީރާން އަތުން ބަލިވީ 4-0 ނެވެ. އެހެން ކަމުން މިރޭގެ މެޗް ދިވެހި ޓީމަށް މުހިންމު ވީއިރު، ރާއްޖެ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް )ދަނގަޑޭ( ބުނީ، އީރާން ކާރީ ބަލިވާން ބޭނުން ނުވާކަމަށާއި ބޭނުން ވަނީ ހަމަހަމަ ނަތީޖާއަކަށް ކަމަށެވެ.