20 May 2010, 09:53
14:30
އިންޑިއާގެ އިރުދެކުނު ސްޓޭޓެއް ކަމަށްވާ އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށުގައިވާ އަވަށްތަކަށް ތޫފާން ލައިލާގެ އަސަރުކޮށް އެސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދެ އެވެ.
ޓައިމްސް އޮފް އިންޑިއާއިން މައުލޫމާތުދޭ ގޮތުގައި މިތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ގަޑިއަކު 69 މޭލުގެ ބާރުމިނުގައި ވައިޖެހެމުން ދާއިރު މިހާތަނަށް މިތޫފާނުގެ ސަބަބުން އަށްމީހަކު ވަނީ މަރުވެފަ އެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ކަރަންޓު ޖެހިގެން މަރުވި އަންހެނަކާއި ރާޅު އެރުމުގެ ސަބަބުން މަރުވި ފިރިހެނަކު ހިމެނޭ ކަމަށްވެސް އެފަރާތުން މައުލޫމާތުދެ އެވެ.
ޓައިމްސް އޮފް އިންޑިއާއިން އިތުރަށް ބުނެފައިވަނީ މިތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ އަވަށް ކަމަށްވާ ގޮދާވަރީ އަވަށުގެ ވައިގެ ދަތުރުފަތުރުތަކުގެ އިތުރުން ރޭލާއި ބަހުގެ ޚިދުމަތް ވެސް ހުއްޓިފައިވާއިރު، ގަސްގަހާގެއްސަށާއި ހޮޅިދަނޑިތަކަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އަންދްރަ ޕްރަދޭޝްގެ ގިނަ އަވަށްތަކުގެ އެއްގަމު ދަތުރުފަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެސްޓޭޓުގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ތިރީސްހާހަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މިތޫފާން މިހާރު މިސްރާބު ޖަހާފައިވަނީ އޮޅީސާ އަދި ވެސްޓް ބެންގޯލްގެ ސްޓޭޓްތަކާ ދިމާލަށެވެ.