23 Sep 2017, 11:03
ސަޢޫދީ ޢަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށާއި އެ ގައުމުގެ ވަލީއަޙުދު ހިޒް ރޯޔަލް ހައިނެސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް މިއަދު ފޮނުއްވި މެސެޖުގައި، ރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އިސްލާމީ އަޚުވަންތަ ގާތް ގުޅުން، އެމަނިކުފާނު ވަރަށް ބޮޑަށް ވަޒަން ކުރައްވާ ކަމުގައި ވިދާޅުވެ، ދެ ގައުމުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދެ ގައުމުގެ ވެސް ތަރައްގީ އާއި ކުރިއެރުމަށާއި ދެ ގައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށް ޓަކައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި، ކުރިއަށްއޮތް ތަނުގައި ވެސް އިސްލާމީ ރިވެތި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން، މާތް ﷲގެ ރަޙުމަތްފުޅާ އެކު އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށާއި ދުނިޔޭގެ ސުލްހަވެރިކަމާ ރައްކާތެރިކަމާއި ހަމަޖެހުމަށް ޓަކައި ސަޢޫދީ ޢަރަބިއްޔާ އިން ކުރައްވަމުން ގެންދަވާ މަސައްކަތަށް ވެސް ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދުގެ ޒަޢާމަތުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަސްގެފާނު ހިޒް މެޖަސްޓީ ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ޒަޢާމަތުގައި، 1932 ވަނަ އަހަރުގައި އުފެދުނު ޒަމާނީ ރަސްކަން އުފެދިގެން އައި ދުވަހެވެ.