ނަޖްރާން (ސެޕްޓެމްބަރު 23) : ޔަމަންގެ ޙޫޘީ ހަނގުރާމަވެރިންނާއި ސައޫދީ ސިފައިންނާ ދެމެދު ބަދަލު ކުރި ހަމަލާތަކެއްގައި ސައޫދީ ސިފައިންގެ ހަތަރު މީހުން މަރުވެއްޖެ އެވެ.

މިކަން ކަށަވަރުކޮށް ދެމުން ސައޫދީ މީޑީއާ އިން ބުނީ ދެފަރާތުގެ ދެމެދުގައި ހަނގުރާމަ ހިނގަމުން ދިޔައީ ނަޖްރާން ސަރަހައްދުގައިވާ ޔަމަނާއި ސައޫދީ ސަރަހައްދީ ރޮނގުގެ ކައިރީގައި ކަމުގަ އެވެ. ސައޫދީ ސިފައިން މަރުވީ އެމީހުން އެއްވެގެންތިބި ތަނަކަށް ހޫޘީ ހަނގުރާމަވެރިން ދިން މިސައިލް ހަމަލާއެއްގައި ކަމަށް ވެސް ސައޫދީ މީޑީއާ އިން ހާމަކޮށްފައިވެ އެވެ.

މި ހަތަރު މީހުންގެ އިތުރުން ފާއިތުވި ދެދުވަހު ހޫޘީން ދިން ހަމަލާތަކެއްގައި ސައޫދީ ސިފައިންގެ އިތުރު 10 މީހުން ވެސް މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަން ވެސް އެގައުމުން ހާމަކޮށްފައިވެ އެވެ. އަނެއްކޮޅުން ހޫޘީ ހަނގުރާމަވެރިން ވަނީ އެމީހުންގެ އަތްދަށުގައި އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ސައޫދީ ސިފައިންގެ ދެމީހުންގެ ވީޑިއޯއެއް ވެސް ދައްކާލައިފަ އެވެ.

މިދެމީހުން ޙޫޘީންގެ އަތްދަށުގައި އަސީރު ކުރެވިފައިވާކަން ސައޫދީ ހާމަކޮށްފައެއް ނުވެ އެވެ. ހޫޘީންވަނީ ސައޫދީންގެ އަތްދަށުގައި އަސީރުކޮށްފައިވާ ހޫޘީ ހަނގުރާމަވެރިން މިނިވަން ކުރުމަށް އެއްބަސްވާ ނަމަ މި ދެމީހުން ވެސް މިނިވަން ކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފަ އެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ އަރަބި ކޯލިޝަނުން ޔަމަންގެ ހަނގުރާމައިގެ ތެރެއަށް އަސްކަރީ ގޮތުން ވަދެގެންފައި ވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އަރަބި ކޯލިޝަންގައި ހިމެނޭ މައިގަނޑު ދެގައުމަކީ ސައޫދީ އާއި ޔޫއޭއީ އެވެ. ގަތަރާއި ސައޫދީ އާ ޖެހުނު ސިޔާސީ މައްސަލަތަކަށް ފަހު ގަތަރު ވަނީ އެކޯލިޝަނުން ވަކިވެފަ އެވެ.

އަރަބި ކޯލިޝަން ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވަނީ ސައޫދީންގެ މަދަދު ލިބޭ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ ގެ ވެރިކަން އެގައުމަށް އަލުން އިޢާދަކޮށް ހޫޘީ ހަނގުރާމަވެރިންނާއި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް ގެބާރުތައް އަވަސް ގޮތަކަށް ބަލިކޮށްލުމަށެވެ.

ނަމަވެސް އެމެރިކާގެ ޒަމާނީ ހަތިޔާރު ލިބިފައިވާ ސައޫދީ ސިފައިންނާއި ޔޫއޭއީގެ ސިފައިންނަށް އަށާރަ މަސްދުވަސްވީއިރު ވެސް މިމަގްސަދު ހާސިލް ކުރެވިފައެއް ނުވެ އެވެ. މީގެބަދަލުގައި ހަނގުރާމަ ދިގުލައިގެންގޮސް ސައޫދީ އާއި ޔޫއޭއީވަނީ ޚަރަދު ބޮޑު ހަނގުރާމައެއްގެ ތެރޭގައި ތާށިވެފަ އެވެ. ޔަމަންގެ ހަނގުރާމައަށް ސައޫދީން ދުވާލެއްގެ މައްޗަށް ފަސް މިލިޔަން ޑޮލަރު (މަހެއްގެ މައްޗަށް ސަތޭކަ ފަންސާސް މިލިޔަން ޑޮލަރު) ޚަރަދު ކުރަންޖެހޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަނެއްކޮޅުން ޔަމަންގެ ހަނގުރާމައިގާ ސައޫދީ އާއި ޔޫއޭއީގެ މަތިންދާބޯޓުތަކުން އަޅަމުންދާ ބޮންތަކުގެ ސަބަބުން ޔަމަންގެ ސިޓީތަކާއި ވިލެޖްތަކުގެ ބޮޑުބައި ހަލާކުވެ އެގައުމުވަނީ ސޫރިޔާ ގޮތަށް ފުނޑުފުނޑުވެފައެވެ. މިއާއެކު އދ. އިން ވަނީ ސައޫދީ އާއި ޔޫއޭއީ ގެ މައްޗަށް ޔަމަންގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގަމުން ގެންދާކަމުގެ ތުހުމަތުވެސްކޮށްފަ އެވެ. އަދި ޔަމަންގެ ސިއްޙަތާބެހޭ އިންފްރާސްޓްރަކްޗާ ހަލާކުވެ އެގައުމުގެ ރައްޔިތުން ކޮލެރާގެ ޝިކާރައަކަށް ވެފައިވާއިރު އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އަރަބި ކޯލިޝަނުން ކަމަށް ވެސް އދ. ން ވަނީ ބުނެފަ އެވެ. (ނޫސްއެޖެންސީތައް)