ވޮޝިންޓަން (ސެޕްޓެމްބަރު 23) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ.ގައި ދެއްވި ތަގްރީރަށް ރައްދު ދޭނީ 10،000 ބޮމަށް ވުރެ ބާރުގަދަ ހައިޑްރިޖަން ބޮމެއް ތަޖްރިބާކޮށްގެން ކަމަށް ބުނެ އުތުރުކޮރެޔާ ދިން އިންޒާރާމެދު ކަންބޮޑުވާކަން އެމެރިކާ ހާމަކޮށްފި އެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ އުތުރު ކޮރެޔާގެ އިންޒާރާމެދު އެމެރިކާ ކަންބޮޑުވާކަމަށާއި ނަމަވެސް ޕެސިފިކް ކަނޑުގައި އުތުރު ކޮރެޔާއަށް ހައިޑްރިޖަން ބޮމެއް ތަޖްރިބާކުރެވިދާނެތޯ އެމެރިކާ ސުވާލު އުފައްދާ ކަމުގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ.ގައި ދެއްވި ހަރުކަށި ތަގްރީރުގައި އުތުރުކޮރެޔާ ވުޖޫދުން ފުހެލަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވި އެވެ. އުތުރުކޮރެޔާ ވުޖޫދުން ފުހެލައި އެގައުމު އެއްކޮށް ނައްތާލަން ޖެހެނީ އެގައުމުން ނިއުކްލިޔާ ހަތިޔާރާއި ބެލަސްޓިކް މިސައިލް އުފައްދައި އެތަކެތި ތަޖްރިބާ ކުރަމުން ގެންދާތީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއަކީ ވެސް ނިއުކްލިޔާ ހަތިޔާރާއި ބެލަސްޓިކް މިސައިލް އުފައްދައި އެތަކެތި ތަޖްރިބާ ކުރަމުން ގެންދާ ގައުމެކެވެ. އެމެރިކާ އިން އުތުރު ކޮރެޔާއަށް ވުރެ މާގިނައިން ނިއުކްލިޔާ ހަތިޔާރު ވެސް އަދި ބަލިސްޓިކް މިސައިލް ވެސް އުފައްދަ އެވެ. ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އުތުރު ކޮރެޔާއަށް މަނާވާފަދައިން ބައިނަލްއަގްވާމީ ގާނޫނުތަކުގައި އެމެރިކާ އަށް ވެސް ކުރުން މަނާ ކަމެކެވެ.

ޓްރަމްޕް އދ.ގައި ދެއްވި ތަރްގީރާ ގުޅިގެން ދެއްވި ބަޔާނެއްގައި އުތުރުކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ޓްރަމްޕަކީ ބޯހަމަނުޖެހޭ މޮޔައެއްކަމަށް ސިފަކުރައްވައި ޓްރަމްޕަށް ވަރަށް ބޮޑަށް މަލާމާތް ކުރައްވައިފަ އެވެ. އަދި ޓްރަމްޕްގެ ތަގްރީރުގައި އުތުރުކޮރެޔާއަށް ދެއްކެވި ބިރުތަކުގެ ސަބަބުން ނިއުކްލިއާ ހަތިޔާރާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމް ތަރައްގީ ކުރުމުގެ ކަންތައް މިހާރަށް ވުރެ ބާރަށްގެން ދަންޖެހޭކަން ވެސް ހާމަވެގެން ދިޔަކަމަށް ވެސް އުތުރު ކޮރެޔާގެ ލީޑަރު ވިދާޅުވި އެވެ. އަދި ޓްރަމްޕްގެ ތަގްރީރަށް ރައްދު ދިނުމުގެ ގޮތުން ޕެސިފިކް ކަނޑުގައި ހައިޑްރަން ބޮމެއް ތަޖްރިބާކުރަން ޖެހޭ ކަމަށް ވެސް އުތުރު ކޮރެޔާގެ ލީޑަރު ވިދާޅުވި އެވެ.

އުތުރު ކޮރެޔާއާއި އެމެރިކާ ކިތަންމެ ވަރަކަށް ބަހުގެ ހަމަލާތައް ދިން ނަމަވެސް މިދެ ގައުމުން ކުރެ އެއްގައުމަށް ވެސް އަނެއް ގައުމަށް އިސްވެ ހަމަލާދޭން ނުކެރޭނެ ކަމަށާ ތަޖްރިބާކާރުން ދެކެ އެވެ. ސަބަބަކީ މިދެގައުމަކީ ވެސް ނިއުކްލިޔާ ދެބާރު ކަމަށްވާތީ އެވެ. އަދި ނިއުކްލިޔާ ޓެކްނޮލޮޖީގައި އުތުރު ކޮރެޔާ ކުރިޔަށްގޮސްފައިވާ މިންވަރު ދެނެގަތުމުގައި އެމެރިކާގެ ޖާސޫސީ އިދާރާތަކަށް މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާތީ އުތުރުކޮރެޔާ ދެކެ އެމެރިކާ ޖެހިލުންވާ ކަމަށް ވެސް މިފަރާތްތަކުން ބުނެ އެވެ.

ހައިޑްރިޖަން ބޮމަކީ 10،000 ނިއުކްލިޔާ ބޮމަށް ވުރެ ބާރުގަދަ ބޮމެކެވެ. (ނޫސްއެޖެންސީތައް)