23 Sep 2017, 09:14
ބައެއް އެކްޓަރުން އެމީހުންގެ އުމުރަށް ވުރެ ހަގު ރޯލުތައް ކުޅެން ބޭނުންވި ނަމަވެސް، އުމުރާ އެކަށީގެންވާ ކަހަލަ ރޯލުތައް ކުޅެ، ބޮލީވުޑުގައި އައު މަގެއް ކޮށަން ބޭނުންވާ ކަމަށް ކާމިޔާބު އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޖަލުން މިނިވަންވެ މިހާރު އަލުން ފިލްމީ ދާއިރާއާ ގުޅިފައިވާ ސަންޖޭގެ އުމުރުން 58 އަހަރެވެ. ޖަލުން މިނިވަންވެ އޭނާ ކުޅުނު ފުރަތަމަ ފިލްމު 'ބޫމީ' މިހާރު ރިލީޒް ކުރުމަށް ކައިރިވެފައިވާ އިރު އެ ފިލްމުގައި އޭނާ އަދާކުރަނީ ބައްޕައެއްގެ ރޯލެވެ.
ފިލްމުގައި ސަންޖޭގެ ދަރިފުޅުގެ ރޯލުން ފެނިގެން ދާނީ އަދިތީ ރާއޯ ހައިދަރީ އެވެ.
'ބޫމީ'ގެ އިތުރުން ސަންޖޭގެ 10 ވަރަކަށް ފިލްމު ކުރިއަށް އެބަ އޮތެވެ. އެއީ 'މުންނާބާއީ' ސީރީޒްގެ ފިލްމަކާއި، 'ސާހެބް ބީވީ އޯރް ގޭންގްސްޓާ 3'، 'މަލަންގް'، 'ޝިއްދަތު'، މާކޯ ބާއޫ'، 'ޓޯބާޒް' އަދި ނިޝިކާންތު ކަމަތުގެ ފިލްމެކެވެ.
"އެއްބަސް މިވަނީ ސްކްރިޕްޓުތައް ކިޔުމަށް ފަހު އަހަރެންގެ އުމުރާ އެކަށީގެންވާ ރޯލުތައް ހުރި ފިލްމުތަކަށް. އަހަރެން ބޭނުން ވަނީ އުމުރާ ގުޅޭ ރޯލުތައް ކުޅެން. އަހަރެން ގަބޫލު ކުރަނީ އެއީ އަދި އިންޑިއާ ފިލްމު އިންޑަސްޓްރީގައި ނެތް ސްލޮޓެއް ކަމަށް،" ސަންޖޭ ބުންޏެވެ.
ސަންޖޭ ބުނީ އުމުރާ ގުޅޭ ރޯލުތައް ކުޅުމަށް އޭނާ ވިސްނީ ޖަލުގައި ހުރި އިރު ތުނބުޅީގެ އިސްތަށިތައް ނުރަ ވާން ފެށުމުން ކަމަށެވެ.
"މިއީ މިހާރު ގަސް ވަށައި އެނބުރި ނަށާ އުމުރެއް ނޫން. އަހަންނަކަށް މިހާރު ކޮލެޖު ކެމްޕަހެއްގައި ނަށާކަށް ނުހުރެވޭނެ. އެހެންވީމާ ބޭނުން ވަނީ އަހަރެންގެ އުމުރުގެ ރޯލުތައް ކުޅެން،" ސަންޖޭ ބުނެފައިވެ އެވެ.
ޝާހްރުކް ޚާން، ސަލްމާން ޚާން، އާމިރު ޚާން، އަޖޭ ދޭވްގަން އަދި އަކްޝޭ ކުމާރު މެން ފަދަ ފަންނާނުން އަދިވެސް އަންނަނީ އުމުރުން ހަގު ފަންނާނުންނާ އެކު ލޯބީގެ ރޯލުތައް ކުޅެމުންނެވެ.
އެކަމާ ގުޅޭ ގޮތުން ސަންޖޭ ބުނީ އޭނާ ވާނީ މީގެ ކުރިން ފިލްމު 'މިޝަން ކަޝްމީރު'ގައި ރިތިކް ރޯޝަންގެ ބައްޕަގެ ރޯލު ވެސް ކުޅެފައި ކަމަށެވެ. އަދި އޭނާގެ މަންމަ 'މަދާ އިންޑިއާ' ކުޅުނީ އުމުރުން 26 އަހަރުގައި ކަމަށާއި، ފިލްމުތަކުގައި ކޮންމެ މީހަކު ވެސް އަދާކުރަނީ ރޯލެއް ކަމަށެވެ.