އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އާއި ށ. މިލަންދޫ ބައްދަލުކުރި މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން ކުޑަހުވަދޫ ޓީމު ދަނޑުން ފާބައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅެމުންދިޔަ އެ މެޗުން ކުޑަހުވަދޫ ޓީމު ފޭބީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މެޗު ހުއްޓާލިއިރު 0-2 ގެ ނަތީޖާއަކުން ކުރީގައި އޮތީ މިލަންދޫ އެވެ. މިލަންދޫގެ ދެވަނަ ލަނޑު ޖެހުމާއެކު ކުޑަހުވަދޫ ކުޅުންތެރިން ވަނީ އެ ޓީމުގެ މެނޭޖުމެންޓްގެ އެންގުމަކަށް ދަނޑުން ފާބައިފައެވެ.

ކުޑަހުވަދޫ ޓީމު ދަނޑުން ފޭބުމާ ގުޅިގެންް މެޗުގެ އިންޑިއާ ރެފްރީ ވަނީ މެޗަށް އެނބުރި އައުމަށް އެ ޓީމަށް އަންގާފައެވެ. ނަމަވެސް ކުޑަހުވަދޫ ޓީމުން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ.

ކުޑަހުވަދޫ އާއި މިލަންދޫ ބައްދަލުކުރި މެޗުގައި ކުޑަހުވަދޫ ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅުކުރަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގިނަ ވަގުތު ބޯ ވާރޭގައި ކުޅެމުންދިޔަ އެ މެޗުގެ 21 ވަނަ މިނެޓުގައި މިލަންދޫ ޓީމުގެ އޮފިޝަލަކު ވަނީ ބެންޗުން ފޮނުވާލައިފައެވެ. އޭގެ މާ ގިނައިރުތަކެއް ނުވެ މިލަންދޫން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. އެ ލަނޑު މިލަންދުއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި އިޝާން އިބްރާހިމްއެވެ.

އޭގެ އިތުރުން ވެސް ފުރަތަމަ ހާފުގައި މިލަންދޫން ވަނީ ކުޑަހުވަދޫ ކީޕަރު އަބްދުﷲ ޔަޒީދުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް މިލަންދުއަށް އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި އިދިކޮޅު ގޯލަށް ނުރައްކާ ކުރީ މިލަންދޫއެވެ. އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ކުޑަހުވަދޫގެ ކީޕަރު ޔަޒީދު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި މިލަންދޫން ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. ހުސްކޮށް ލިބުނު ބޯޅައެއް ހިފައިގެން ކީޕަރު ޔަޒީދު ކަޓުވާލުމަށް ފަހު ގޯލަށް ވައްދާލީ މިލަންދޫގެ އިބްރާހިމް ސިޔާމްއެވެ. އެ ލަނޑާއެކު ކުޑަހުވަދޫ ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުމާމެދު ނުރުހުން ފާޅުކޮށް ދަނޑުން ފައިބާފައެވެ. އެ ޓީމުން ބުނަމުން ދިޔައީ މިލަންދޫން ލަނޑު ޖެހީ ފައުލް ކޮށްގެން ބޯޅަ އަތުލުމަށް ފަހު ކަމަށެވެ.

އެ މެޗުގެ ނަތީޖާއާ މެދު ފުޓުބޯޅަ އެސޯސީއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.