28 Jul 2011, 15:44
ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން މިއަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ބަލައިގަންނަމުން ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެމިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދުﷲ ޖަމީލު މިއަދު ވިދާޅުވީ މިއަހަރުގެ ފިތުރު ޒަކާތް ރަމަޟާން މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 27 ގެ ނިޔަލަށް ބަލައިގެންނަމުން ގެންދާނެ ކަމަށެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ހެނދުނު 9:00 އިން 12:00 އަށެވެ.
ޒަކާތުގެ ގޮތުން މިއަހަރު ދައްކަންޖެހެނީ ބާސްމަތީ ހަނޑުލުންނަމަ 53ރ. ތައިލެންޑް ހަނޑުލުންނަމަ 32ރ. އަދި އާދައިގެ ހަނޑުލުންނަމަ ދައްކަންޖެހެނީ 10ރ އެވެ. ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އެއަހަރުގެ ތެރޭގައި އެބަޔަކު ނުވަތަ އެމީހަކު ކެއި ހަނޑުލުގެ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާ އެވެ.
" ފުށާއި ބްރައުން ރައީސް ކާ ފަރާތްތަކުން ވެސް ދައްކަންޖެހޭނީ 53ރ. އެއީ އެއެއްޗެހި ދާނީ ބާސްމަތީ ކެޓަގަރީއަށް،" އަހުމަދުﷲ ވިދާޅުވި އެވެ.
އަހުމަދުﷲ އަދި ވިދާޅުވީ ފިތުރު ޒަކާތުގެ ފައިސާ މާލޭގައި ނަމަ އިސްލާމިކް މިނިސްޓްރީން އަދި އަތޮޅުތަކުގައި ނަމަ އަތޮޅު ކައުންސިލުން ހަމަޖައްސާތަނެއްގައި ބަލަގަންނަމުން ގެންދާނެ ކަމަށެވެ. އަދި މިއަހަރުވެސް ބޭންކާއި ދިރާގު އަދި ވަތަނިއްޔާ މެދުވެރިކޮށް ވީހާވެސް ފަސޭހަ ގޮތެއްގައި ޒަކާތުގެ ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސާފައިވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.