ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މެދު އެއްވެސް ރުޅިވެރި ކަމެއް ނެތް ކަމަށް އެ ޓީމުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފިއެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ފުރަތަމަ 11އިން ކޮސްޓާއަށް ޖާގައެއް ނެތް ކަމަށް ބުނި ހިސާބުން ފެށިގެން، އޭނާ ވަނީ ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލާފައެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ކޮސްޓާއަށް ވަކިގޮތެއް ނިންމިފައި ނުވާތީ އޭނާގެ މައްސަލަ ވަނީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. ނަމަވެސް ކޮސްޓާ ގަތުމާ މެދު ޗެލްސީއާއި އެތުލެޓިކޯ މެޑްރިޑުން އިއްޔެ ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ބްރެޒިލްގެ އެއާޕޯޓުގެ ތެރެއިން ސްޕްލެޝް ނިއުސް އިން ކޮސްޓާއާ ކުރި އިންޓަވިއުއެއްގައި ކޮސްޓާ ބުނީ، ކޮންޓޭ ދެކެ ރުޅި ނާންނަ ކަމަށާއި އެއްވެސް މީހަކާ ދޭތެރޭ ރުޅިވެރިކަމެއް ނުބާއްވާ ކަމަށެވެ.

"ހުރިހާ ކަމެއް ވެސް ރަނގަޅު. ޗެލްސީގެ ސަޕޯޓަރުންނަށް އެނގޭނެ އަހަރެންނަށް އެ މީހުން ކިހާ މުހިންމުކަން. އެ މީހުން އަހަރެންނަށް ދިން ލޯބި ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ،" ކޮސްޓާ ބުންޏެވެ.

ޗެލްސީ ދޫކޮށް ކޮސްޓާ އެތުލެޓިކޯއަށް ބަދަލުވަނީ ކިހާވަރެއްގެ އަގަކަށް ކަމެއް އެ ކްލަބުން އަދި ހާމަކޮށްފައި ނުވާއިރު، ކޮސްޓާއަށް ދެން އެތުލެޓިކޯއަށް ރަސްމީކޮށް ބަދަލު ވެވޭނީ އަންނަ ޖެނުއަރީ މަހުއެވެ.

ޗެލްސީއަށް މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް ގިނަ ލަނޑުތަކެއް ޖަހައިދިން ފޯވާޑުގެ ނަން ކޮންޓޭގެ ފުރަތަމަ 11ގައި ހިމެނިފައި ނުވި ނަމަވެސް، އެ ޓީމުން ޕްރިމިއާ ލީގަށް ނަގާފައިވާ 25 ކުޅުންތެރީންގެ ސްކޮޑުގައި ކޮސްޓާ ހިމަނާފައިވެއެވެ.