22 Sep 2017, 20:21
ގާޒާ ސިޓީ (ސެޕްޓެމްބަރު 22): ދެހާސްހަތް ވަނަ އަހަރު ފަލަސްތީނުގެ ގާޒާ ސްޓްރިޕްގެ ވެރިކަމަށް ހަމާސް ޖަމާއަތް އައި ފަހުން އިސްރާއީލުން ވަނީ އެ ސަރަހައްދު ބަންދުކޮށް، އެކަހެރިކޮށްފަ އެވެ. އަދި އޭގެ ސަބަބުން ގާޒާގެ ރައްޔިތުންނަށް އެންމެ އާދައިގެ ކަންތައްތައް ކުރަންވެސް ހުރަސް އެޅުނު ނަމަވެސް، އެއީ އާދަޔާ ހިލާފު ހުވަފެނެއް ދެކެމުން އަންނަ ޔޫސުފް އަލް ބަހްތީނީގެ ހިތްވަރަށް ލޮޅުމެއް އެރި ކަމެއް ނޫނެވެ.
ޔޫސުފް އަކީ އޭނާގެ ހަށިގަނޑު ތަފާތު ގޮތްގޮތަށް ލަންބާލުމުގެ ހުނަރު ލިބިފައިވާ ކުއްޖެކެވެ. އަދި އޭނާގެ އުއްމީދަކީ 'ކޮންޓޯޝަން ރޯލް'އެއް ހަދަމުން އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 20 މީޓަރަށް ދެވޭ މީހާގެ ރިކޯޑު ހެދުން ކަމަށް ޔޫސުފް ބުންޏެވެ.

ޔޫސުފް 'ކޮންޓޯޝަން ރޯލް' ހަދަން ތައްޔާރު ވަނީ. ކޮންޓޯޝަން ރޯލް ހަދާއިރު ބަންޑުން އޮވެ ދެފައިގައި، ދެއަތުން ހިފައިގެން 'ފުރޮޅެމުން' ދާނީ -- ފޮޓޯ/ އޭއެފްޕީ
މިހާރު އެ ރިކޯޑު އޮތީ 17 ސިކުންތު ތެރޭ 20 މީޓަރަށް 'ރޯލް' ކުރަމުން ދިޔަ އިނގިރޭސި ކޮންޓޯޝަނިސްޓް ލެއިލާނީ ފްރޭންކޯ އަތުގަ އެވެ. ނަމަވެސް ޔޫސުފްގެ އާއިލާއިން ބުނާ ގޮތުގައި އޭނާއަށް 14 ސިކުންތު ތެރޭ އެދުރުމިނަށް ދެވެ އެވެ.
އަދި އޭގެ ވީޑިއޯއެއް ނަގައި ޔޫސުފްގެ އާއިލާއިން ވަނީ އެ ވީޑިއޯ ގިނެސް ވޯލްޑް ރިކޯޑްސްއަށް ފޮނުވާފަ އެވެ. އެހެންކަމުން އެ ކުންފުނިން ވަނީ އުރުދުންގައި ހުންނަ އެ ކުންފުނީގެ އޮފީހަށް ގޮސް ޔޫސުފްގެ ހުނަރު ދައްކާލުމަށް އެދިފަ އެވެ.
އަދި ޔޫސުފް މިހާރު މަޑުކޮށްގެން ހުރީ އިސްރާއީލަށް ގޮސް، އުރުދުންއަށް ދަތުރުކުރުމުގެ ހުއްދަ އެ ދެ ގައުމުން ލިބެން ދެނެވެ.
ޔޫސުފް ބުނި ގޮތުގައި އޭނާގެ ނަން ގިނެސް ވޯލްޑް ރިކޯޑްސްގައި ހިމެނުމުން ފަލަސްތީނުގެ ނަން ވެސް އެ ފޮތުގައި އިތުރަށް ފަވާލެވިގެން ދާނެ އެވެ. (އޭއެފްޕީ)