މާލޭގައި ކުރާ ބޮޑެތި ވައްކަމާއި ފޭރުންތަކާ ގުޅިގެން ބޮޑު ފަސް ވަގުން ކަމަށް ފުލުހުން ތުހުމަތު ކުރާ ފަސް މީހުންގެ ތެރޭގައި ހިމެނޭ ގދ. ފަރެސްމާތޮޑާ، ސެމާ، ނާމިދު މުހައްމަދު،24، ވައްކަން ކުރި ކަމަށް ސާބިތުވެގެން ހަ މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޮކްޓޯބަރު 1، 2010ގައި ގ. ވަރަ ޕެލަސްއިން ވައްކަން ކުރި ކަމަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު ގާޒީ މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ނާމިދު ވައްކަން ކުރި ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ނާމިދުގެ މައްޗަށް ވައްކަމުގެ މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެފައި، ގާނުނުލް އުގޫބާތުގުގެ 131 ވަނަ މާއްދާގެ )ހ( ދަށުން ނާމިދު ހަ މަސް ދުވަހަށް އަރުވާލަން ހުކުމް ކުރީ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 131 މާއްދާގެ )ހ(ގައި ބުނެފައި ވަނީ ވައްކަން، ޓެކުން، ހިޔާނާތްތެރިވުމާއި، މަކަރާއި ހީލަތް އަދި ފޭރުން މިކަންކަމުގެ އަދަބު ކަނޑައަޅާނީ އެމީހަކު އެކުށްކުރި ފުރަތަމަ ފަހަރު، ހަ މަސް ދުވަހުން ފެށިގެން އެއް އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށެވެ. އަދި އެފަދަ މައްސަލައެއް ދެ ވަނަ ފަހަރަށް ސާބިތުވެއްޖެ ނަމަ ދެ އަހަރަށް، ތިންވަނަ ފަހަރު ތިން އަހަރަށް، ހަތަރު ވަނަ ފަހަރު ހަތަރު އަހަރު ދުވަހުގެ މުއްދަތައް އަރުވާލުން ނުވަތަ ޖަލަށް ލުމަށެވެ.

މިގޮތުން އިތުރުވާ ކޮންމެ ފަހަރަކު، އެއް އަހަރު ދުވަހުގެ މުއްދަތައް އަރުވާލުން ނުވަތަ ޖަލަށްލުމަށް ހުކުމް ކުރެވިދާނެ 1968 ވަނަ އަހަރު އަމަލް ކުރަން ފަށާފައިވާ ގާނުނުލް އުގޫބާތުގެ 131 ވަނަ މައްދާގެ )ހ(ގައި ބުނެފައިވެ އެވެ.

ގާޒީ މިއަދު ހުކުމް އިއްވެވިއިރު، ނާމިދު ކުރި ވައްކަމުގެ ތަފްސީލެއް، ނުވަތަ އޭނާގެ މައްޗަށް ކުރާ ދައުވާގެ ހުލާސާލެއް ވިދާޅެއް ނުވެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުތުގައި ނާމިދުގެ މައްޗަށް ސާބިތުވި ދާއުވާ އަކީ އޮކްޓޯބަރު 1، 2010 ގައި ގ. ވަރަޕެލަސްގެ ތިޖޫރީ ފަޅާލައި، ފައިސާތަކެއް ވަގަންނެގި ކަމުގެ މައްސަލައެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތްތަކުގައި ނާމިދު އެ ދައުވާއަށް އިންކާރު ކުރެ އެވެ.

ނާމިދުގެ ވަކީލް ވިދާޅުވީ ގަލޮޅު ވަރަޕެލަސް އިން ނާމިދު ވައްކަން ކުރި ކަމަށް އެއްވެސް މީހަކު ހެކިބަސްދީފައި ނުވާ ކަމަށެވެ. ނަމަވެސް އެދުވަހު އޭނާ އެގެއިން ނުކުމެގެން ދުއްވައިގެން މަންޒަރު ދުށް ކަމަށް ބުނެ ޝަރީއަތަށް ހެކިބަސްދީފައިވާ ކަމަށް ނާމިދުގެ ވަކީލް ވިދާޅުވި އެވެ.

މާލޭގައި ކުރާ ބޮޑެތި ވައްކަންތަކާއި ފޭރުންތަކުގައި ޝާމިލްވާ ކަމަށް ފުލުހުން ތުހުމަތު ކުރާ ނާމިދުގެ މައްޗަށް ވައްކަމުގެ މައްސަލައެއް މިއަދު ސާބިތުވި އިރު، ފުލުހުން ވަނީ އޭނާގެ ވައްކަމުގެ އިތުރު މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލް )ޕީޖީ( އޮފީހަށް ފޮނުވާފަ އެވެ. ނާމިދަކީ ވައްކަމާ ފޭރުމުގެ މައްސަލަތަކުގައި ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށް ތަހުގީގުތަކެއް ހިންގާފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ނާމިދުގެ އިތުރުން، ބޮޑު ފަސް ވަގުން ކަމަށް ފުލުހުން ތުހުމަތު އަނެއް ހަތަރު މީހުންނަކީ މ. ދާރުލްގަރާރު އަހުމަދު ރިޝްވާން 25، އާއި ހ. ސަމާގްރީން އިބްރާހިމް ޒަކަރިއްޔާ 19، އާއި މއ. އާފަލުގޭ މުހައްމަދު މުޖްތޮބާ 27، އާއި މާލޭ ދަފްތަރު އަބުދުﷲ ނަސީރު 19، އެވެ. އަބްދުﷲ ނަސީރަކީ ނުރައްކާތެރި ކުއްވެރިންގެ ލިސްޓުގައި ވެސް ހިނެމޭ މީހެކެވެ.