މާލެ އިން ފުރައިގެން ކ. މަނިޔަފުއްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ ދޯނި ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:06 ހާއިރު ކަމަށާއި ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފްގެ ކޯސްޓްގާޑު ގުޅިގެން ދޯނި ވަނީ އެނބޫދޫ ވިލެޖުގެ ހިއްކި ސަރަހައްދަށް ވައްދާފައި ކަމަށެވެ.

'ސަން' ވާހަކަ ދެއްކި ވާދޫ ރިސޯޓްގައި ހުރި މީހަކު ބުނީ ދޯނި ބަންޑުން ޖަހާލިއިރު އެ މަންޒަރު އެ ރިސޯޓްގެ ޖެނަރަލް މެނޭޖަރަށް ފެނިފައިވާ ކަމަށާއި އަދި ވަގުތުން އެ ރިސޯޓުން ދޯންޏަކާއި ލޯންޗެއް ފޮނުވައިގެން ބަންޑުން ޖަހާލި ދޯނީގައި ތިބި ދެ ބިދޭސީއަކާއި ދިވެއްސެއް ސަލާމާތް ކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ދަތުރު ކުރަމުންދިޔައީ ބޮޑު ފެންބޭގެއް ހިފައިގެން ކަމަށާއި ދޯނި ބަންޑުން ޖަހާލީ ފެންބޭގް ދެ ފަރާތަށް ހެލި، އަރިއަޅާލައިގެން ކަމަށެވެ.