30 Sep 2017, 17:12
މާރާމާރީ އާއި ރޭވިގެން ހިންގާ ކުށްތައް ކުރާ ފަރާތްތަށް ފިލުވުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާރާމާރީ އާއި ރޭވިގެން ހިންގާ ކުށްތައް ކުރާ ފަރާތްތައް ފިލުވައި، އެފަރާތްތަކަށް އެހީތެރިވެދީ، ފުލުހުންނަށް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.
އެގޮތުން އެފަދަ ލާއިންސާނީ އަމަލުތައް ހިންގުމަށްފަހު ފިލުމަށްޓަކައި ގޭބިސީތަކާއި ކުއްޔަށްދޭ ތަންތަނުގައި އުޅޭކަން ފާހަގަކުރެވިފައިވާތީ އެކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެފަދަ ކުށްވެރިންނަށް އެހީތެރިވާ ފަރާތްތަކުގެ މައްސަލަތައް ގަވާއިދުން ބަލައި، ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"މި ފުރުސަތުގައި މިފަދަ ރަހުމު ކުޑަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް ހިންގައި ޝަރީއަތަށް ހުށަހަޚާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.
މުޖުތަމައުތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ އެފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހައި ވަސީލަތްތައް އޭގެ އެންމެ މަތީ ދަރަޖައަށް ބޭނުންކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.