03 Oct 2017, 09:15
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއަށް ގެންނަވާ ތަރައްގީގައި ދިވެހީން އަޖައިބު ކުރުވަނިވި އެތައް ކަމެއް ފެނިގެންގޮސްފައިވާ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް އިން ރޭ ގެނެސްދިން "އުންމީދާއި ކުރިއެރުން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މައުރޫފް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން ފަތުރުވެރިކަމާއި ސިއްހީ ދާއިރާއިން ތަރައްގީގެ އެތައް މަޝްރޫއުތަކެއް ހިނގަމުން އަންނަ ކަމަށެވެ.
"މިރާއްޖޭގައި ޑޮމެސްޓިކް އެއާޕޯޓުތައް އަޅަމުން މިދަނީ. އައްޑު އަތޮޅުގަ އާއި ނ. އަތޮޅުގަ އާއި ށ. އަތޮޅުގަ އާއި ކުޅުދުއްފުށީގަ އަޖައިބުކުރުވަނިވިގޮތަކަށް އެއާޕޯޓުތައް އަޅަމުން މިދަނީ. މިކަން ނިމިގެންދިޔައިމަ ރައްޔިތު މީހާއަށް ފަސޭހަކަމާ އެކީގައި ދަތުރުކުރެވި، މުދާއުފުލި، އިގްތިސޯދީގޮތުން އެތައް ނަފާއެއް ލިބިގެންދާނެ،" މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސޯދީ ވިސްނުންހުރި ގޮތާމެދު އަޖައިބުވެ އަންތަރީސްވާ ކަމަށާއި ދިވެހި ކޮންމެ ރައްޔިތަކުވެސް އެވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިއަދު އެކަމާ ކަންބޮޑުވަމުން އަންނަ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
މުޅި އޭޝިޔާ ބައްރުން ވެސް އެ ހަގީގަތްތައް ގަބޫލުކޮށް ރައީސް ޔާމީނަށް އެވޯޑުތައް އަރުވަމުން އަންނަ ކަމަށާއި ބޭރު ގައުމުތަކުގެ ނޫސްތަކުންނާއި މާލީ އިދާރާތަކުން ވެސް އެމަނިކުފާނުގެ އިގްތިސޯދީ ވިސްނުން ވަރަށް ފުރިހަމައަށް ބަޔާންކޮށްދެމުން އަންނަ ކަމަށް މައުރޫފް ވިދާޅުވިއެވެ.
"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު އެތަކެއް ބިލިއަން ޑޮލަރުން ދިވެހި ދައުލަތް އޮތީ ދަރާފައި. ހަމައެކަނި ދިވެހި ދައުލަތުން ދަރާފައި އޮތީ ދިވެހި ކުންފުނިތަކަކަށް ނޫން އިނގޭތޯ. ބޭރުގެ ބޭންކުތަކަށާއި ކުންފުނިތަކަށް ދަރާފަ އޮތީ. އެހެންވީމަ މި ދަރަނިން މިންޖުވުން އެއީ އެންމެ މުހިންމު އެއްކަންތައް،" މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓް އަހަރެއް އަހަރަކަށް ބޮޑުވަމުން އަންނައިރު ދަރަނި ދަނީ ކުޑަވަމުން ކަމަށާއި އަންނަ އަހަރު ފެނިގެންދާނީ އަރަނި ބަޖެޓެއް ކަމަށެވެ.
"އެހެންވީމަ އެއާއެކީގައި ރައީސް ޔާމީން އެ ނިންމެވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން،" މައުރޫފް ވިދާޅުވިއެވެ.
ދިވެހި ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށާއި އިންވެސްޓަރުންނަށް އިތުބާރު ހޯދައިދިނުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެނައުމުން އެކަމުގެ ފައިދާ ކުރަމުން އަންނަ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
"ބައްލަވާ ތިބޭފުޅުން ރާއްޖޭގައި 40 އަހަރު ދައުރުވެގެންދިޔައިރު، ރައީސް މައުމޫންގެ ވެރިކަން ނިމިގެންދިޔައިރު، ރައީސް ނަޝީދުގެ ވެރިކަން ނިމިގެންދިޔައިރު، ދެތިން ހަތަރު ބްރޭންޑެއް އޮތީ މިތަނަށް އައިސް. އެކަމަކު މިއަދު ކިހިނެތްތޯ. ދިވެހިރާއްޖޭގަ މިއޮތީ އެތައް ބްރޭންޑުތަކެއް އައިސްފައި. ދުނިޔޭގެ މަޝްހޫރު ހުރިހާ ހޮޓެލް ޗެއިންތަކުން މިތަނަށް އިންވެސްޓްކޮށްފަ މިއަދު މިއޮތީ،" މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫގެ ވެރިކަމުގައި އިގްތިސޯދީ ވިސްނުމެއްގައި މަސައްކަތްކޮށްފައި ނެތް ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 100 އަށް ވުރެ ގިނަ އެމްއޯޔޫގައި ސޮއިކުރިނަމަވެސް އެއްވެސް ކަމެއް ވުޖޫދަށް އައިސްފައިނުވާކަމަށެވެ.
ރައީސް މައުމޫނާއި ރައީސް ނަޝީދާ ޚިލާފަށް ރާއްޖޭގެ ދެވަނަ ރައީސް އިބްރާހިމް ނާސިރު އިގްތިސޯދީގޮތުން ކަންތައްތަކެއްކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރާއްޖެއަށް އައި ވޯރާ ވިޔަފާރިވެރިން ފައްސާލާފަ ދިވެހި ވިޔަފާރިވެރިންނަށް ވަނީ އެ ފުރުސަތު ހޯދައިދީފަ. ހަމައެއާ އެކީގައި އެއާޕޯޓެއް އެމަނިކުފާނު އެޅުއްވި. ރާއްޖެއަކީ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ހާމަވެގެންދިޔައީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި،" މައުރޫފް ވިދާޅުވިއެވެ.