22 Sep 2017, 14:58
ރެސްލިން ކުޅުންތެރިޔާ ދަލިޕް ސިންގ ނުވަތަ "ދަ ގްރޭޓް ކާލީ"ގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު އަރަމުން އަންނަ ހުނަރުވެރި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތަށް ހުށަހަޅައިފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ހަތް ފޫޓު ދިގު ކާލީގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމަށް އޭނާގެ ރުހުން ލިބިފައި ވާއިރު، އެ ފިލްމުގައި ގެނެސްދޭނީ ޕުންޖާބްގެ ފުލުސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދަލިޕް "ދަ ގްރޭޓް ކާލީ" އަށް ވެގެން ދިޔަ ގޮތެވެ.
ފިލްމުގައި ދަލިޕް ފުލުސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރާއި ފިލްމީ ދާއިރާގައި މަސައްކަތް ކުރި ދުވަސްވަރު އަދި ރެސްލިން އަށް ވަދެވުނު ގޮތް ދައްކުވައިދޭނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ސުޝާންތު ވަނީ މިހާރު ފިލްމަށް އެއްބަސްވެފަ އެވެ. ސުޝާންތުގެ އެކްޓު ކުރުމުގެ ހުނަރަށް އެއްވެސް މީހަކު ސުވާލު އުފައްދާފައި ނުވި ނަމަވެސް، ކާލީ އާއި ސުޝާންތުގެ ހަށިގަނޑުގައި ހުރި ބޮޑު ތަފާތުގެ ސަބަބުން، ސުޝާންތަކީ އެ ރޯލަށް އެންމެ އެކަށީގެންވާ ފަންނާނުތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ސުޝާންތު ފިލްމަށް އެއްބަސް ވެއްޖެ ނަމަ އެ ފިލްމު ވެގެން ދާނީ ސުޝާންތުގެ ދެވަނަ ބަޔޮޕިކް އަށެވެ.
އިންޑިއާގެ ކްރިކެޓް ލެޖެންޑު މަހިންދުރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމުން ވެސް ފެނިގެން ދިޔައީ ސުޝާންތު އެވެ. އެ ފިލްމު ވަނީ ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ.
އަދި ސުޝާންތުގެ ރޯލަށް ވެސް ގިނަ ބައެއްގެ ތައުރީފު ލިބިގެން ދިޔަ އެވެ.
ސުޝާންތު މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ 'ކޭދަރްނާތު' އަދި 'ޗަންދާ މާމާ ދޫރްކޭ" އެވެ. އަންނަ އަހަރު ސުޝާންތުގެ ތިން ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެ އެވެ.