28 Jul 2011, 13:39
މޮސްކޯ (ޖުލައި 28) : ރަޝިޔާގެ ކަނޑުގެ ސްޓްރެޓީޖިކް ބާރުތަކުން 10ހާސް ކިލޯމީޓަރުގެ ރާސްތާގެ އިންޓަރކޮންޓިނެންޓަލް ބެލަސްޓިކް މިސައިލެއް ކާމިޔާބު ކަމާއެކު ތަޖްރިބާ ކޮށްފިއެވެ.
ރަޝިޔާގެ ސްޓްރެޓީޖިކް ބާރުތަކުގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި އާރު.ސީ.އެމް. 54 މަރުކާގެ މި މިސައިލް (ސީނީވާ) ތަޖްރިބާކުރީ ބެރެން ސީ ގައި ދަތުރުކުރަމުން ދިޔަ ރަޝިޔާގެ ސަބްމެރިންއަކުންނެވެ.
މިސައިލް ތަޖްރިބާ ކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އާރު.ސީ.އެމް. 54 މަރުކާގެ ދުރުރާސްތާގެ މިސައިލަކީ 2007 ވަނަ އަހަރު ރަޝިޔާގައި އުފައްދާފައިވާ ވަރަށް ޒަމާނީ ޓެކްނޮލޮޖީގެ ސްޓްރެޓީޖިކް މިސައިލެކެވެ. މިއީ ނިއުކްލިޔަރ ބޮންއުފުލުމުގެ ޤާބިލްކަން ލިބިގެންވާ އަދި ރަޝިޔާގެ ނިއުކްލިޔަރ އައްޑަނައިގައި ހިމެނޭ އެންމެ ވަރުގަދަ އެއް ދިފާޢީ ނިޒާމެވެ.
ރަޝިޔާއިން މި މިސައިލް ތަޖްރިބާކުރީ އެޤައުމުގެ ކަނޑުގެ ސްޓްރެޓީޖިކް ނިއުކްލިޔަރ ބާރުތަކުގެ ޤާބިލްކަން އަޖުމަ ބެލުމުގެ ގޮތުންނެވެ. ސްނީވާ މަރުކާގެ މިސައިލް ތަޖްރިބާތަކެއް މިދިޔަ އެޕްރީލް މަހާއި މޭމަހުވެސް ރަޝިޔާގެ ކަނޑުގެ ސްޓްރެޓީިކް ބާރުތަކުން ކޮށްފައިވެއެވެ.
އަނެއްކޮޅުން އެމެރިކާއިން އިއްޔެ ކުރި ސްޓްރެޓީޖިކް މިސައިލް ތަޖްރިބާއެއްވަނީ ނާކާމިޔާބު ވެފައެވެ. ލޮސްއެންޖޮލަސްގެ ހުޅަނގު އުތުރުގައިވާ ވެންޑްބާރގް ޢަސްކަރީބޭހުން ފޮނުވާލި 9600 ކިލޯމީޓަރުގެ ރާސްތާގެ މިސައިލެއް އަމާޒުން ކައްސާލުމުގެ ސަބަބުން ވަނީ ވައްޓާލާފައެވެ. "މިޔުންޓްމެން 3" މަރުކާގެ މިމިސައިލްގެ ތަޖްރިބާއެއް މިދިޔަ މަހުގެ ފަހުކޮޅުގައިވެސް އެމެރިކާއިން ކޮށްފައިވާއިރު އެތަޖްރިބާވެސްވަނީ ނާކާމިޔާބުވެފައެވެ. (އަލްޖަޒީރާ)