22 Sep 2017, 00:16
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ ގޮތް ދިފާއީ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ބައްލަވާލައްވައިފިއެވެ.
ދިފާއީ ވުޒާރާއިން ބުނީ މިނިސްޓަރު އާދަމް ޝަރީފް މިއަދު އެއާޕޯޓަށް ކުރެއްވި ޒިޔާރަތަކީ ރާއްޖެއިން ބޭރަށް ފުރާމީހުންނާއި ރާއްޖެއަށް އަންނަ މީހުންގެ މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމަގޮތުގައި އެޅިފައިވޭތޯ އަމިއްލަފުޅަށް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށެވެ.
އެގޮތުން ފަތުރުވެރީންނާއި އެއަޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުން ސްކްރީން ކުރަމުންދާގޮތާއި ދަތުރުވެރީންގެ ލަގޭޖާއި އެމީހުން ގެންގުޅޭ އެކިކަހަލަ އިލެކްޓްރޯނިކްސް ގެޖެޓްސްތައް ބަލައި ފާސްކުރާގޮތް ވެސް ޑިފެންސް މިނިސްޓަރު ބައްލަވާލެއްވިއެވެ.
މީގެ އިތުރުން ގާޑްޕޯސްޓްތަކާއި ޗެކް ޕޮއިންޓްތަކާއި ވައިގެމަގުން ރާއްޖެއަށް އެތެރެ ކުރެވޭ އަދި ބޭރު ކުރެވޭ މުދާ ސްކްރީން ކުރެވެމުންދާގޮތް ވެސް ޑިފެންސް މިނިސްޓަރު ވަނީ ބައްލަވާ ލައްވާފައެވެ.
އެއާޕޯޓްގެ ސެކިއުރިޓީ ކަންކަން ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ފަހު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެއާޕޯރޓްގެ ސެކިއުރިޓީ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ.