21 Sep 2017, 23:23
މިޔަންމާގެ ރޮހިންގާ މުސްލުމުންނަށް އެހީވުމުގެ ގޮތުން ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ޗެރިޓީ ފުޓްސަލް މެޗުތަކެއް ކުޅުމަށް ނިންމައިފިއެވެ.
މާދަމާ ހަވީރު ކުޑަ ހެންވޭރު ފުޓްސަލް ދަނޑުގައި ހަތަރު މެޗެއް ވަނީ ކުޅުމަށް ހަމަޖެހިފައެވެ. އެއީ ކަސްޓަމްސް އާއި އެމްޕީއެލްގެ އަންހެން އަދި ފިރިހެން ދެ ޖިންސް ވަކިން ބައްދަލުކުރާ ދެމެޗެވެ.
އެ މެޗުތަކުގައި ކުޅޭ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް މިރޭ އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތައްފަހު ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ޗެރިޓީ މެޗުތަކުން ފަންޑް ރެއިޒް ކުރުމަށް ހަމަޖެހިފައިވަނީ މެޗުތަކުގައި ކުޅޭ ޖާޒީ ނީލަމުގައި އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކައިގެން ކަމަށެވެ.
ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެމްޕީއެލް އާއި ކަސްޓަމްސް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ މައުލޫމާތު ދެނީ --- ސަން ފޮޓޯ ފަޔާޒު މޫސާ
މެޗުގައި ކުޅޭ ފިރިހެން ކުޅުންތެރިންގެ ޖާޒީގެ އަގު 500 ރުފިޔާއިން ފެށޭއިރު އަންހެން ކުޅުންތެރިންގެ ޖާޒީގެ އަގު ފެށެނީ 250 ރުފިޔާއިންނެވެ.
"އަޅުގަނޑުމެން މިކުރާ މަސަތްކަތަކީ ވަރަށް ބަރަކާތްތެރި އެހާމެ މުހިންމު މަސަތްކަތެއް. އަޅުގަނޑުމެންގެ ނިކަމެތި އަޚުންނާއި އުޚްތުންނަށް ލިބިފައިވާ ޚިތްދަތިކަމާއި ވޭނާއި ކެކުޅުމަށް ކޮންމެވެސް ވަރެއްގެ ކުޑަވެސް އެހީއެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަރުދީ ވާޖިބެއް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މާދަމާގެ ހަރަކާތަކީ ހަމައެކަނި ކަސްޓަމަސް އާ އެމްޕީއެލްގެ މުވައްޒަފުންނަށް ހިންގޭ ހަރަކާތެއް ނޫން ކަމަށާއި އެއީ ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެމްޕީއެލް އާއި ކަސްޓަމްސް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ ފަޔާޒު މޫސާ
"އަޅުގަނޑުމެން މުޅި ދިވެހި ގައުމު މިއަދު މިވަނީ ތައްޔާރުވެފައި މަސައްކަތްތަކެއް ކުރުމަށްޓަކައި ރޮހިންގާ މުސްލިމުންނަށް އެހީވުމަށްޓަކައި. އަޅުގަނޑުމެން ކިތަންމެ ކުޑަ ގައުމަކަށް ވީ ނަމަވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ ރޮހިންގާ މުސްލިމުންނަށް ދިމާވާ އަނިޔާތަކާއި އެ ކަންތައްތަކުން ސަލާމަތްކޮށްދިނުމަށް އެދި ﷲ ހަޒުރަތުގައި ދުއާ ދެންނެވުން،" އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ރޮހިންގާ މުސްލިމުންނަށް އެހީވުމުގެ ގޮތުން އެމްޕީއެލް އިން އެކި ސަރަހައްދުތަކުގައި ފަންޑް ފޮށިތަކެއް ބެހެއްޓުމުގެ އިތުރުން އެކުންފުނީގެ ކޮންމެ މުވައްޒަފެއްގެ އެއް ދުވަހުގެ މުސާރަ ރޮހިންގާ މުސްލިމުންނަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.