28 Jul 2011, 13:33
ހދ. ވައިކަރަދޫގައި ލޮލަށް ވަޅިހެރުނު ކުޑަކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެ އިން ބޭރަށް ގެންދަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ އާއިލާ އިން ބުނެފި އެވެ.
ވައިކަރަދޫ އިލާ، މުހައްމަދު އާލިމްގެ ބައްޕަ އަބްދުއްރަހީމް މިއަދު ބުނީ، އިވުމުން މަހުރޫމްވެ ވާހަކަ ދެއްކުމުގައި ވެސް އުނި ކަމެއް ހުންނަ އޭނާގެ ދަރިފުޅުގެ ލޮލުގެ ކަޅުކަޅީގެ މެދަށް ވަޅި ހެރި ކަޅު ކަޅީގެ މަތިން ފެށިން ތިރިއަށް އެއްކޮށް ކަފައިގެން ދިއުމުން މިހާރު މާލެ ގެނެސް އައިޖީއެމްއެޗުން އެތަން ފަހާފައި ވީނަމަވެސް އަދިވެސް ލޯ ނުހުޅުވޭ ކަމަށާއި ލޮލަށް ތަދުވާތީ އަބަދުވެސް އާލިމް ރޮމުން ދާ ކަމަށެވެ.
އަދި އާލިމް ރާއްޖެ އިން ބޭރަށް ގެންދިއުމަށް ޑޮކަޓަރުން ލަފާދެއްވުމާ ގުޅިގެން އޭނާ ބޭރަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
އަބްދުއްރަހީމް ބުނީ އާލިމް ޖެހެނީ އަބަދުވެސް ނިންދަވާފައި ބާއްވަން ކަމަށާއި، ކުޑަކޮށް ވެސް ހޭލެވިއްޖެ ނަމަ ލޮލަށް ތަދުވާތީ ރޯވަރުން ކެތްކުރަން އުނދަނގޫވާ ކަމަށެވެ.
"ދަރިފުޅަށް ފެންނަ ކަމެއް ނުފެންނަ ކަމެއް އަދި ނޭނގޭ. ފަހާފައި ހުރިތަނަށް ތަދުވާތީ އަބަދު ވެސް އާލިމް އޮންނަނީ ރޯލަރޯލަ. ޑޮކްޓަރުން މިހާރު ލަފާދެއްވަނީ އިތުރު ސާޖަރީއެއް ހަދަން އާލިމް ބޭރަށްގެންދަން. އެހެންވެ މިހާރު މިއުޅެނީ އެހީއެއް ލިބޭތޯ،" ކުޑަކުޑަ ޢާލިމްގެ ޒަހަމްވެފައިވާ ލޮލަށް އިތުރުފަރުވާ ދިނުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތުގައި އުޅެމުން ބައްޕަ އަބްދުއްރަހީމް ބުންޏެވެ.
ޒަހަމްވެފައިވާ ލޮލުގެ އިތުރު ސާޖަރީއެއް ހެދުމަށް ބޭނުންވެފައިވާ އާލިމްގެ އާއިލާ އިން މިހާރު މަސައްކަތް ކުރަމުންދަނީ މާލެ އާއި ވައިކަރަދޫގައި ފަންޑުފޮށްޓެއް ބަހައްޓައިގެން އާލިމްގެ ލޮލުގެ ސާޖަރީއަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތެއްވޭތޯ ކަމަށް ވެސް އާލިމްގެ ބައްޕަ ބުންޏެވެ.
އާލިމްގެ ލޮލަށް ވަޅި ހެރުނީ އަންގާރަ ދުވަހު ހެނދުނު އޭނާ ކުޅެން އުޅެނިކޮށް ކަމަށް ލަފާ ކުރެވޭ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އަދި އެންމެންނަށް ވެސް ފެނުނީ އާލިމްގެ ލޮލަށް ވަޅި ވަދެ ލޯ ޒަހަމްވެފައި ހުއްޓާ ކަމަށް އާއިލާ އިން ބުނެ އެވެ.