21 Sep 2017, 18:38
ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ އެއް ބިލިއަން ޔޫރޯގެ ރިލީޒް ކްލޯސްއެއް ފަސް އަހަރުގެ ދުވަހުގެ އައު ކޮންޓްރެކްޓެއްގެ ދަށުން އެ ކުލަބުގައި މަޑު ކުރަން ނިންމައިފިއެވެ.
އުމުރުން 29 އަހަރުގެ ބެންޒެމާގެ އާ ކޮންޓްރެކްޓާ އެކު އޭނާ 2021 ވަނަ އަހަރާ ހަމައަށް ރެއާލްގައި މަޑުކުރާނެވެ. އެ މުއްދަތުގެ ތެރޭގައި ރެއާލުން އޭނާއަށް ހަފްތާއަކު 150،000 ޕައުންޑު މުސާރައެއް ދޭނެއެވެ.
ބެންޒެމާ މިވަގުތު ހުރީ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައެވެ. ބެންޒެމާއަށް އަނިޔާވީ، ލަ ލީގާގައި މީގެ ދެ ހަފްތާ ކުރިން ލެވެންޓޭ އާ ދެކޮޅަށް ރެއާލް ކުޅެ 1-1 ލަނޑުން އެއްވަރުވި މެޗުގައެވެ. އެ މެޗުގެ 24 ވަނަ މިނިޓްގައި އޭނާ ވަނީ އަނިޔާއާ ގުޅިގެން ބަދަލުކޮށްފައެވެ.
ރެއާލް މެޑްރިޑަށް 371 މެޗު ކުޅެދީފައިވާ ބެންޒެމާ ވަނީ މިހާތަނަށް އެޓީމަށް 181 ލަނޑު ޖަހައިދީފައެވެ. އޭނާ ރެއާލް އާ ގުޅިފައި ވަނީ 2009 ވަނަ އަހަރުއެވެ.