21 Sep 2017, 15:52
ރޮހިންގާ މުސްލިމުންނަށް އެހީ ހިފައިގެން ދިޔަ ބޯޓަކަށް މިޔަންމާގެ މޮބް ގްރޫޕަކުން ހުރަސްއެޅުމުން މިޔަންމާގެ ސިފައިން ބަޑީގެ އިންޒާރު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިޔަންމާގެ ސަރުކާރުން ބުނީ މޮބަކުން އެ ބޯޓުތަކާ ދިމާލަށް ޕެޓްރޯލު ބޮންތައް އުކާ ހެދިކަމަށާއި އަދި އެ އަމަލު ހިންގި މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މޮބުން ހަމަލާ ދީފައި ވަނީ ބުދަ ދުވަހު ރާކިން ސްޓޭޓްގެ ވެރިރަށް ސިޓްވޭ އަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ބޯޓެއް ކަމަށް ބުންޏެވެ.
އެ ހާދިސާގައި ހަމަނުޖެހުންތައް އުފެއްދި މީހުންތައް ފައްސާލުމަށް މިޔަންމާގެ 200 ސިފައިން ހަރަކާތްތެރިވި ކަމަށް ވެސް މިޔަންމާގެ ސަރުކާރުން ބުންޏެވެ.
ބީބީސީގެ ނޫސްވެރިއެއް ކަމަށްވާ ޖޯނާ ފިޝާ ބުނީ ރޮހިންގާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީދޭ ޖަމާއަތްތަކަށް މިޔަންމާގެ ސަރުކާރުން ހުރަސް އަޅާއިރު ހަރުކަށި ބުޑިސްޓުންގެ ފަރާތުން ވެސް އެހީ ދިނުމުގައި ވަރަށް ބޮޑަށް ދަތިތައް ފޯރަމުންދާ ކަމަށެވެ.
ރެޑްކްރޮސްގެ ސްޕޯކްސް ޕާސަން ގްރާޒިއެއްލާ ލިއޭޓޭ ވެސް އެ ހާދިސާ ހިނގިކަން ކަށަވަރުކޮށްދީފައިވާ ކަމަށް ބީބީސީ އިން ބުންޏެވެ.
ރޮހިންޔާ މުސްލިމުންގެ މައްސަލަ އަނެއްކާވެސް ސަމާލުކަމަށް އައީ މިޔަންމާ ސަރުކާރުން ފެށި އަނިޔާވެރި އަސްކަރީ އޮޕަރޭޝަނަކުން ސަލާމަތްވުމަށް ޓަކައި އެތައް ލައްކަ ރޮހިންޔާ މީހުން ބަނގުލަދޭޝަށް ވަންނަން ފެށި ހިސާބުންނެވެ. މިޔަންމާ ސަރުކާރުން ބުނީ އެ އަސްކަރީ އޮޕަރޭޝަން ފެށީ ދާދިފަހުން ރޮހިންޔާ އިން އުފެއްދި "އަރަކާން ރޮހިންޔާ ސެލްވާޝެން އާމީ (އަރުސާ)" އިން ދިން ހަމަލާތަކެއްގައި މިއަންމާގެ 100 ސިފައިން މަރުވުމުންނެވެ.
ރޮހިންޔާ މުސްލިމުން ބުނާގޮތުގައި މިޔަންމާ ސިފައިން ދަނީ އެއްވެސް ބެލުމެއްނެތި މުސްލިމުންގެ ގަޔަށް ބަޑިޖަހައި އެމީހުންގެ އަވަށްތަކުގައި އަލިފާންޖަހައި ގެދޮރާއި އަވަށްތައް ސުންނާފަތި ކުރަމުންނެވެ.