އދ. (ސެޕްޓެމްބަރު 21): މިޔަންމާގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވީހާ ވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި ކަމަށް ނައިބު ރައީސް މައިކް ޕެންސް ވިދާޅުވެއްޖެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕެންސް ވިދާޅުވި ގޮތުގައި މިދިޔަ މަހު ރޮހިންގާ ހަނގުރާމަވެރިން މިޔަންމާގެ ފުލުހުންނަށް ދިން ހަމަލާތަކަށް އެގައުމުގެ އަސްކަރިއްޔާ އިން ރައްދު ދެމުންދަނީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އެގޮތުން މިޔަންމާ ސިފައިން ދަނީ ރޮހިންގާ މުސްލިމުން ދިރިއުޅޭ އަވަށްތަކުގައި ރޯކޮށް، އެމީހުންގެ ގެތަކުން ބޭރު ކުރަމުން ކަމަށް ވިދާޅުވެފަ އެވެ.

އަދި ޕެންސް ވަނީ ރޮހިންގާ މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލައި، މަޝްވަރާތައް ބާއްވައިގެން އެމައްސަލަ ހައްލު ކުރުމަށް ގޮވާލައްވައިފަ އެވެ.

"ރޮހިންގާ މުސްލިމުންނަށް އެހީ ބޭނުންވެފައިވާ މިދަނޑިވަޅުގައި އދ.ގެ ސަލާމަތީ މަޖިލީހުން އެމީހުންނަށް އެހީ ފޯރުކޮށްދިނުމަށާއި، އެއަނިޔާ ނިމުމަކަށް ގެނައުމަށް ވީހާ ވެސް އަވަހަކަށް ފިޔަވަޅު އަޅަން ރައީސް ޓްރަމްޕާއި އަޅުގަނޑު ގޮވާލަން،" ޕެންސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު މިޔަންމާ އަސްކަރިއްޔާ އިން ރާކަން ސްޓޭޓުގައި އަނިޔާވެރި އޮޕަރޭޝަނެއް ފެށި ފަހުން ސަލާމަތީ މަޖިލީހުން ވަނީ އެމައްސަލައާ ގުޅިގެން ދެބައްދަލުވުމެއް ބާއްވައި، މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެގައުމުގެ ސަރުކާރަށް ގޮވާލައިފަ އެވެ.

މިޔަންމާ އަސްކަރިއްޔާގެ އަނިޔާއާ ގުޅިގެން އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުންގެ އަދަދު މިހާރު ވަނީ 420،000 އަށް އަރައިފަ އެވެ. (އަލް ޖަޒީރާ)