21 Sep 2017, 11:45
އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގެ މެޗު ކާމިޔާބުކޮށް، މެންޗެސްޓާގެ ދެ ކްލަބު ގަދަ 16އަށް ދަތުރުކޮށްފި އެވެ.
ރޭ ކުޅުނު މެޗުގައި ބާޓަން އަލްބިއޮން އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، މެންޗެސްޓާ ސިޓީން ވަނީ ވެސްޓް ބްރޮމްވިޗް އަލްބިއޮން އަތުން މޮޅުވެފަ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާޓަން އަލްބިއޮން އަތުން ޔުނައިޓެޑް މޮޅުވެފައިވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފަސްވަނަ މިނެޓުގައި ޖެސީ ލިންގާޑް ދިން ބޯޅައަކުން ޔުނައިޓެޑަށް ލީޑު ހޯދައިދިނީ މާކަސް ރަޝްފާޑެވެ.

އިނގިރޭސި ލީގް ކަޕްގައި ޔުނައިޓެޑާއި ބާޓަން އަލްބިއޮން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ
އެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 17 މިނެޓުގައި ޑެނީ ބްލިންޑް ދިން ބޯޅައަކުން ޔުނައިޓެޑްގެ ދެވަނަ ލަނޑު އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރަޝްފާޑު ޖަހައިދިންއިރު، މެޗުގެ 36 ވަނަ މިނެޓުގައި އެންތޮނީ މާޝިއަލް ދިން ބޯޅައަކުން ޔުނައިޓެޑްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލިންގާޑް އެވެ.
އެ މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ 60 ވަނަ މިނެޓުގަ އެވެ. ރަޝްފާޑު ދިން ބޯޅައަކުން ޔުނައިޓެޑުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މާޝިއަލް އެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ބާޓަންގެ ލަނޑު ކާމިޔާބުކޮށްދިނީ ލޯއީޑް ޑަޔާއެވެ.

އިނގިރޭސި ލީގް ކަޕްގައި ސިޓީއާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ
ރަށުން ބޭރުގައި ރޭ ކުޅުނު ލީގު ކަޕް މެޗުގައި ވެސްޓް ބްރޮމް އަތުން ސިޓީ މޮޅުވެފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ތިންވަނަ މިނެޓުގައި ސިޓީއަށް ލީޑު ހޯދައިދިނީ ލެރޯއީ ސާނޭ އެވެ.
އެ މެޗުގައި ވެސްޓް ބްރޮމްގެ ލަނޑާއި ސިޓީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގަ އެވެ. ވެސްޓް ބްރޮމްއަށް މެޗުގެ 72 ވަނަ މިނެޓުގައި ކިއެރަން ގިބްސް ދިން ބޯޅައަކުން ކްލައުޑިއޯ ޔަކޮބް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އޭގެ ފަސް މިނެޓް ފަހުން ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ސިޓީއަށް އަލުން ލީޑު ހޯދައިދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސާނޭ އެވެ.