އިޓަލީގެ ޕަލާމޯ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރު ހާވިއާ ޕަސްތޯރް ހޯދުމަށް ޗެލްސީއާއި ޕީއެސްޖީއިން ރަނގަޅު އަގެއް ކިޔައިފައިވާ ކަމަށް ޕަލާމޯގެ ޑިރެކްޓާ އޮފް ސްޕޯޓްސް ޝޯން ސޮގްލިއާނޯ ހާމަކޮށްފި އެވެ.

އާޖެންޓީނާ ތަރި ޕަސްތޯރް ހޯދުމަށް އެންމެ ކުރީގައި އުޅޭ ޗެލްސީ އާއި ޕީއެސްޖީ އިން ދަނީ ކުރިއެރުމަށް ވާދަކުރަމުންނެވެ.

ޕަސްތޯރްގެ ސޮއި ހޯދުމަށް ގާތްގަނޑަކަށް 40 މިލިޔަން ޕައުންޑް ހަރަދުވާނެ ކަމަށް ރިޕޯތްތައް ބުނެ އެވެ.

"އަހަރެމެން ރަނގަޅު ވަގުތަކަށް މިމަޑުކުރަނީ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮންމެވެސް އެއްގޮތަކަށް ނިންމާނަން. އަހަރެމެންނަށް ޗެލްސީއިންނާއި ޕީއެސްޖީ އިން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ." ސޮގްލިއާނޯ ބުންޏެވެ.

އުމުރުން 22 އަހަރުގެ ޕަސްތޯރް ޕަލާމޯ އަށް ގުޅިފައި ވަނީ 2009 އަހަރު ހުރެކޭން އަށް ކުޅުމަށް ފަހު އެވެ. މިދިޔަ ސީޒަންގައި އިޓާލިއަން ސީރިއާގައި ޕަސްތޯރް ވަނީ ޕަލާމޯ އަށް 35 މެޗްކުޅެ 11 ގޯލް ޖަހައިދީފަ އެވެ.