21 Sep 2017, 11:30
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގއ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އެ އަތޮޅު ގެމަނަފުށި، ކޮލަމާފުށި އަދި ކޫއްޑޫގައި ސެލްފް ސާވިސް ބޭންކިންގް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ އެ ތިން ރަށުގައި ހުޅުވި އޭޓީއެމްތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގެ ހިދުމަތްތައް ފުޅާކުރުމަށާއި ބޭންކްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބީއެމްއެލް އިން ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ހުޅުވި އޭޓީއެމްތަކެއް ކަމަށެވެ.

ބީއެމްއެލް އިން އިއްޔެ ގއ. އަތޮޅުގެ ރަށެއްގައި ހުޅުވާފައިވާ އޭޓީއެމް އެއް --
ބީއެމްއެލް އިން ބުނީ އެ އޭޓީއެމްތަކުން ފައިސާ ނެގުމުގެ އިތުރުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފާ ހަވާލާދީ ބީއެމްއެލް އިން ބުނީ، އެ އޭޓީއެމްތަކުގެ ސަބަބުން ގއ. އަތޮޅުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި އިގްތިސާދަށް ފައިދާވާނެ މަގު ފަހިކޮށްދެއްވުން އެއީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
"ގެމަނަފުށި، ކޮލަމާފުށި އަދި ކޫއްޑޫގައި އަލަށް މިހުޅުވުނު ސެލްފްސާވިސް ބޭންކިންގް އޭޓީއެމްތަކުން ދައްކުވައިދެނީ މުޅި ރާއްޖެއަށް ބޭންކިންގް ޚިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ދޭ އަހަމިއްޔަތުކަން.،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް އިން އިއްޔެ ގއ. އަތޮޅުގެ ރަށެއްގައި ހުޅުވާފައިވާ އޭޓީއެމް އެއް --
މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާ އެކު 20 އަތޮޅުގައި 34 ބްރާންޗް، 31 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 90 އޭޓީއެމް، 4600 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ޚިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގަ ބީއެމްއެލް އިން ބުންޏެވެ.