އޯޑިކަޕްގެ އެންމެފަހުގެ އަދި ހަމައެކަނި ޗެމްޕިއަނުން ކަމަށްވާ ޖަރުމަންވިލާތުގެ ބެޔާން މިއުނިކް 2-0 ން ބަލިކުރުމަށްފަހު ބާސެލޯނާ ފުރަތަމަ ފަހަރަށް އޯޑިކަޕް އުފުލާލައިފި އެވެ. މެޗްގައި ބާސެލޯނާ އިން ޖެހި ދެލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އަރަމުން އަންނަ ޒުވާން ތަރި ތިއާގޯ އަލްކަންތަރަ އެވެ.

ދެދުވަހުގެ މުއްދަތަށް ކުޅޭ މުބާރާތަށް ހަތަރު ޓީމަކަށް ދައުވަތުދެ އެވެ. މިއަހަރުގެ އޯޑި ކަޕްގައި ބައިވެރިވެފައި ވަނީ ބްރެޒިލްގެ އިންޓާ ނާސިއަލް އާއި، އިޓަލީގެ އޭސީމިލާނާއި، ޖަރުމަންވިލާތުގެ ބެޔާން މިއުނިކާއި އަދި ސްޕެއިންގެ ބާސެލޯނާ އެވެ. މިއީ މިމުބާރާތް ބޭއްވި ދެވަނަ އަހަރެވެ. 2009 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބެޔާން މިއުނިކެވެ.

ބެޔާންގެ މިއުނިކްގެ އަމިއްލަ ދަނޑު ކަމަށްވާ އާލިއަންޒް އެރީނާ އަށް 60،000 އަށްވުރެ ގިނަ ސަޕޯޓަރުން ކުރިމަތީ ކުޅުނު މިމެޗްގައި ދެޓީމުންވެސް ގިނައިން ބޭނުންކޮށްފައި ވަނީ ތަޖުރިބާ މަދު އައުކުޅުންތެރިންނެވެ. ބާސެލޯނާއިން އާންމުކޮށް ފުރަތަމަ އެގާރައިން ފެންނަ ކުޅުންތެރިންގެ ތެރެއިން ފެނުނީ ކީޕަރު ވިކްޓާ ވަލްޑޭސް، ސާޖިއޯ ބުސްކެޓްސް، އިނިއެސްޓާ، ޑޭވިޑް ވިޔާ އަދި ޕެޑްރޯ އެވެ. ނަމަވެސް ބެޔާން އިން އާންމުކޮށް ފުރަތަމަ އެގާރައިން ފެންނަ ކުޅުންތެރިން ތިބީ ބެންޗުގަ އެވެ.

ބެޔާން މިއުނިކުން އޯޑި ކަޕްގެ ދެވަނަ ތަށި ހޯދުމުގެ އަޒުމުގައި ނުކުތް ނަމަވެސް ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުމަށް ހުރަސްއަޅައި ބާސާއިން އާންމުކޮށް ކުޅެމުން އަންނަ ޕާސިން ކުޅުން ކުޅެފަ އެވެ. ބެޔާންގެ ގޯލަށް ބާސާއިން ދިޔައީ ކެނޑިނޭޅި ނުރައްކާ ކުރަމުންނެވެ.

ބެޔާންގެ ޑިފެންޑަރުންނަށް ބާސާ 20 އަހަރުގެ ޒުވާން މިޑްފީލްޑަރު ތިއާގޯ މިމެޗްގައި ހިފެހެއްޓޭ ގޮތެއް ނުވެ އެވެ. ތިއާގޯ ވަނީ 42 ވަނަ މިނެޓްގައި ބެޔާންގެ ގޯލް ހުޅުވާލާ 72 ވަނަ މިނެޓްގައި ދެވަނަ ލަނޑެއްޖަހާ ލީޑް ފުޅާކޮށްދީފަ އެވެ. ތަޖުރިބާހުރި ކުޅުންތެރިންނާއި އެއްވަރަށް ތިއާގޯ ވަނީ މިމެޗްގައި އޭނާގެ ކުޅުން ދައްކާފަ އެވެ. އަދި މެޗްގެ މޮޅު ކުޅުންތެރިޔާކަން ވެސް ތިއާގޯ ހޯދާފައިވެ އެވެ.

ބާސާއިން ދެން އެންމެ އަވަހަށް މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ވޯލްޑް ފުޓްބޯލް ޗެލެންޖްގައި މެންޗެސްޓާ ޔުނައިޓެޑާއި ބައްދަލުކުރާ މެޗް ވެގެން ދާނީ ފޯރިގަދަ މެޗަކަށެވެ. މިދެޓީމު އެންމެފަހުން ބައްދަލުކުރީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލްގަ އެވެ. މިމެޗް 3-1 ން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ބާސެލޯނާ އެވެ.