އދ.ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ހިމެނޭ "ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ" ބެހޭ ބައްދަލުވުމެއް ރާއްޖެ، އެސްޓޯނިއާ އަދި ނައިޖީރިއާއިން އިސްވެ އޮވެގެން ކުރިއަށްގެންގޮސްފި އެވެ.

އެބައްދަލުވުމުގައި ރާއްޖެ ތަމްސީލުކޮށްދެއްވަމުން މިނިސްޓާ އޮފް ޖެންޑާ އެންޑް ފެމިލީ، އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވަނީ ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާއާ ބެހޭ މައްސަލަތައް ސަރުކާރުން ނަގަނީ ވަރަށް ސީރިއަސްކޮށް ކަމަށާއި، އެފަދަ ހާދިސާއެއްގައި އަމަލު ކުރާނެ ތަފާތު ގޮތްތަކާއި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތަފާތު ސްޓްރެޓެޖީތައް ބޭނުން ކުރާ ކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވި އެވެ.

އަދި ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް ހަރުދަނާ ކުރުމަށް ގައުމުގެ ސިޔާސަތުތަކަށާއި ކަމާ ބެހޭ ގާނޫނުތަކަށް އިސްލާހުތައް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އާމައްސަލަތަކަށް ރިއާޔަތް ކުރެވޭ ގޮތަށް ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، ޖެންޑާ މިނިސްޓްރީން ދޭ ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ގޮތުން ރާއްޖޭގެ ރަށްތަކުގައި ކޮމިއުނިޓީ ސޯޝަލް ގޫރުޕުތައް ގާއިމު ކުރި ކަމާއި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ގައުމީ މަހާސިންތާއެއް ބޭއްވި ކަން މިނިސްޓަރު ހާމަ ކުރެއްވި އެވެ. އަދި އެމަހާސިންތާގައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، އެޕްލޭނަށް ކުޑަކުދިންގެ ހިޔާލު ހޯދިކަންވެސް މިނިސްޓަރު ޒެނީޝާ ފާހަގަ ކުރެއްވި އެވެ.

އެމެރިކާގައި ބޭއްވި އެބައްދަލުވުމުގެ މަގުސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ތަފާތު ގައުމުތަކުން އަޅާ ފިޔަވަޅުތައް ދެނެގަނެ، އެއަނިޔާ ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު އެއްކުރުމެވެ. އެހެންކަމުން، ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުންވެސް އެބައްދަލުވުމުގައި ހިޔާލު ފާޅުކޮށްފައިވެ އެވެ.