20 Sep 2017, 16:02
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ސ. ހުޅުދޫ، އަތިރީއާގޭ މުހައްމަދު ސުއައިދު މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އަންގާފައިވާ ކަމަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ވިދާޅުވެއްޖެ އެވެ.
ރިލްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން އުފުލާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ.
އެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ހ. ހިލްޓަން އަހްމަދު އާލިފް ރައޫފާއި، ސ. ހުޅުދޫ، އަތިރީއާގޭ މުހައްމަދު ސުއައިދުގެ އިތުރުން ގދ. ވާދޫ، ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، މައްސަލާގައި ދައުވާ ލިބޭ ސުއައިދުގެ އެޑްރެހަށް ޗިޓް ފޮނުވުމުން އާއިލާއިން ސުއައިދު މަރުވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ސުއައިދަކީ ރިލްވާނަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރާ މީހާ އެވެ. ފުލުހުން ވަނީ، ރިލްވާން ސައިކަލްގައި ދާއިރު، ސުއައިދު އޭނާގެ ފަހަތުން ސައިކަލެއްގައި ފާރަލަމުންދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފްޓޭއްވެސް އާއްމުކޮށްފަ އެވެ.

ރިލްވާން ސައިކަލްގައި ދާއިރު، ސުވައިދު އޭނާގެ ފަހަތުން ސައިކަލެއްގައި ފާރަލަމުންދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފްޓޭޖުގެ ސުކްރީން ޝޮޓް ---
ސުއައިދު މަރުވެފައިވާ ކަމަށް އާއިލާއިން ކޯޓަށް އަންގާފައިވާތީ ގާޒީ ވަނީ އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުންނާ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ، ދައުވާ ކުރުމުގެ ކުރިން ދިރިއުޅޭ އެޑްރެސް ނޭނގޭތީ އޭނާ އުޅޭ އެޑްރެހެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. އަދި ފުލުހުން ބެލި ބެލުމުން ސުއައިދު ރާއްޖޭގައި ނޫޅޭ ކަން އެނގިފައިވާ ކަމަށް ފުލުހުން ޕީޖީއަށް އަންގާފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ގާޒީ އާދަމް އާރިފް ވިދާޅުވީ، ސުއައިދު ރާއްެޖެއިން ފުރައިގެން ގޮސްފައިވާ ކަން ސާފު ކުރުމަށް ކޯޓުން އިމިގްރޭޝަނުގައި އެދޭނެ ކަމަށެވެ. އަދި އިމިގްރޭޝަނުން އެކަން ސާފު ކުރުމަށްފަހުގައި ސުއައިދުގެ ބަޔާ މެދު ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި ސުއައިދުގެ އިތުރުން ދެން ހިމެނޭ، އަޙްމަދު އާލިފް ރައޫފާއި މުހައްމަދު ނޫރައްދީން ޝަރީއަތަށް ހާޒިރުވެފައިވާއިރު، އެ ދެމީހުންވެސް ބުނެފައިވަނީ މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވާ ކަމަށާއި، ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވެ. ގާޒީ ވަނީ އެ ދެމީހުންނަށްވެސް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ ފުރުުސަތެއްދީފައެވެ.
ފުލުހުން މީގެ ކުރިން އެ މައްސަލައާއި ގުޅިގެން އަޙްމަދު އާލިފް ރައޫފާއި މުހައްމަދު ނޫރައްދީން ހައްޔަރު ކުރި އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ.
އެ ދެމީހުންގެ ތެރެއިން އާލިފް ރައޫފް އަކީ ރިލްވާން ގެއްލުނު ރޭ އޭނާ ގަދަކަމުން އެރުވި ކަމަށް ބުނާ ރަތްކާރުގެ ވެރިޔާ އެވެ. އަދި ނޫރައްދީނަކީ، ހުޅުމާލޭގައި އެ ކާރު ގެންގުޅުނު ކަމަށް ބުނާ މީހާ އެވެ.