މިދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމުގެ ރޯގާއެއް ވަރަށް ހަލުވިކަމާ އެކު ފެތުރެމުން އެބަދާ ކަމަށާއި އެރޯގާ ފެތުރެމުން ދަނީ ކާބޯތަކެތީގެ ޒަރީއާ އިން ކަމަށް ހެލްތު މިނިސްޓްރީގެ ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލު [ސީސީއެޗްޑީސީ[ އިން އިއްޔެ ބުނެފި އެވެ.

ސީސީއެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބޭރަށް ހިންގުމުގެ ރޯގާއާ ގުޅިގެން ސަމާލުކަން ދޭން ޖެހޭ ހަ ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެކަންތައްތަކުގެ ތެރޭގައި ކާބޯތަކެތި މެހިން ރައްކާތެރި ކުރުމާއި ތާޒާ ކާނާ ބޭނުން ކުރުން އަދި ކާބޯތަކެތީ ހަލާކުނުވާނެހެން ރައްކާތެރި ކުރުން ހިމެނެ އެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި ސީޑީއެޗްޑީސީން ފާހަގަކޮށްފައި ވަނީ ބޯން ބޭނުންކުރާ ފެން ކްލޮރިނޭޓްކުރުމާއި ވާރޭފެން ނަގާ ނަމަ ފުރާޅު ސާފުކޮށްގެން ރައްކާތެރިކަމާ އެކު ފެން ނެގުމެވެ. ކެއުމުގެ ކުރިންނާއި ފަހުން އަދި ފާހާނާ ކުރުމަށް ފަހު ސައިބޯނިލައިގެން އަތްދޮވުމަކީ ވެސް ސަމާލުކަން ދޭން ޖެހޭ ކަމެއްގެ ގޮގައި އެސެންޓަރުން ފާހަގަކޮށްފައިވެ އެވެ. އަދި ރަށުތެރެ އާއި ގޯތިތެރެ ސާފުތާހިރުކޮށް ބޭއްވުމަކީ ވެސް ބޭރަށް ހިންގުމުގެ ރޯގާއާ ގުޅިގެން ސަމާލުކަން ދޭން ޖެހޭ ކަމެއް ކަން ވެސް އެސެންޓަރުން ވަނީ ފާހަގަކޮށްފަ އެވެ.

ބޭރަށް ހިންގުން ޖެހިއްޖެ ނަމަ އަމަލުކުރަން ވީ ގޮތްތައް ވެސް ސީޑީއެޗްޑީސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެއީ ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި ލޮނު ޕެކެޓް ބޭނުން ކުރުން އަދި ތުއްތުކުއްޖެއް ނަމަ ގިނައިން ގާތުން ކިރުދިނުމާއި ބޭރަށް ހިންގުން ރަނގަޅު ނުވާ ނަމަ ޑޮކްޓަރަށް ދެއްކުމަށް ވެސް އެ ބަޔާނުގައި އިރުޝާދު ދީފައިވެ އެވެ.