20 Sep 2017, 13:45
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ދެ މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާންކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހޯދަން އިއުލާންކުރި ދެ މީހުންނަކީ ތ. ކިނބިދޫ، ގުލްފާމުގެ އުމުރުން 21 އަހަރުގެ މުހައްމަދު ސާޒް އާއި މ. ލޮނުމިދިލިގެ އުމުރުން 21 އަހަރުގެ އަފްރާހް ޢަބްދުއްރައްޒާޤް އެވެ.
އެ ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައެވެ.
ކޯޓު އަމުރެއްގެ ދަށުން މ. ދިމިސްކް ބަލައި ފާސްކޮށް 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ އެކު އިތުރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސަށް ވަޅިން ހަމަލާދީ މަރާލީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ.