ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެ ޓީމުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ 300 ލަނޑު ހަމަކޮށްފި އެވެ.

ބާސާގެ ކޭމްޕް ނޯގައި މެސީ ކާމިޔާބުކުރި 300 ވަނަ ލަނޑު ފެނިގެންދިޔައީ ސްޕެނިޝް ލަލީގާގައި ރޭ އައިބާއާ ދެކޮޅަށް ކުޅެ، 6-1 ލަނޑުގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗުގަ އެވެ.

އެ މެޗުގެ ކުރީކޮޅު މެސީގެ ފަރާތުން އެންމެ އެދެވޭ ކުޅުން ނުފެނުނު ނަމަވެސް، މެޗުގެ 20 ވަނަ މިނެޓުގައި ބާސާއަށް ލިބުނު ޕެނަލްޓީއެއް އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ލަނޑަކީ މިއަހަރު މެސީ ކާމިޔާބުކުރި 40 ވަނަ ލަނޑެވެ.

އުމުރުން 30 އަހަރުގެ މެސީ ވަނީ ދެވަނަ ހާފުގައި ދެ ލަނޑު ކާމިޔާބުކޮށް، ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އެ ހެޓްރިކަކީ މިސީޒަނުގައި މެސީ ފުރިހަމަކުރި ދެވަނަ ހެޓްރިކެވެ. ކުރިން އޭނާ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ އެސްޕާނިޔޯލްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ހެޓްރިކް ފުރިހަމަ ކުރުމަށް ފަހު ވެސް މެސީ ވަނީ އޭނާގެ ލަނޑު ޖެހުމުގެ ހުނަރު ދައްކާލައިފަ އެވެ. އައިބާ ކޮޅަށް މެސީ ޖެހި ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. އެއީ އެ މެޗުގައި ބާސާއިން ކާމިޔާބުކުރި ހަވަނަ ލަނޑެވެ.

މެސީ ވަނީ މިސީޒަނުގެ ސްޕެނިޝް ލަލީގާގައި މިހާތަނަށް ނުވަ ލަނޑު ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން އޭނާ ފޮނުވާލި 12 ހަމަލާގެ ތެރެއިން އަށް ހަމަލާ ގޯލަށް ވަދެފައިވެ އެވެ.