ހުސްނުވާ އާސަންދައިގެ ބޮޑުބައި ހޭދަކުރެވިފައި ވަނީ ފާމަސީތަކަށް ކަމަށް އާސަންދައިގެ މެނޭޖިންގް ޑިރެކްޓަރު ހަސަން އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު ފެން ބިލްޑިންގްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީ ވިދާޅުވީ އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާ އިރު އޭގެ 26 ޕަސެންޓަކީ ރާއްޖޭގެ ފާމަސީތަކަށް ކުރި ހަރަދުތައް ކަމަށާއި 20 ޕަސެންޓަކީ ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކަށް ކުރި ހަރަދުތައް ކަމަށެވެ.

އާސަންދައިން ބުނީ އަހަރުގެ މިހާ ތަނަށް ރާއްޖެ އިން ބޭރަށް 3776 މީހުން ބޭސްފަރުވާ އަށް ފޮނުވާ ކަމަށާއި އޭގެ ތެރެއިން 3304 މީހުން ފޮނުވާފައި ވަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށް ކަމަށެވެ. އަދި ބާކީ ތިބި 472 މީހުން ފޮނުވާފައި ވަނީ ސްރީލަންކާގެ ހޮސްޕިޓަލްތަކަށް ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް އެންމެ ގިނައިން ފޮނުވާފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ކަމަށް އެމްޑީ ވިދާޅުވި އެވެ. އެގޮތުން އެ ބައްޔަށް ފަރުވާ ހޯދުމަށް ޓަކައި މި އަހަރުގެ މިހާތަނަށް 1101 މީހުން ރާއްޖެ އިން ބޭރަށް ފޮނުވާފައިވާ ކަމަށް އެމްޑީ ވިދާޅުވި އެވެ.

"ނިސްބަތުން އެންމެ ގިނައިން ރާއްޖެ އިން ބޭރަށް ބަލި މީހުން ފޮނުވަން ޖެހެނީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް. މިކަމަށް ލުއިކަމެއް ލިބޭނެ ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކުރާ ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމުގެ ހިދުމަތް ފެށުނީމާ." އޭނާ ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވީ ހުޅުމާލޭގައި ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ހިދުމަތް ގާއިމު ކުރެވުމާ އެކު ބޭރުގެ ހޮސްޕިޓަލްތަކަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށެވެ.